ޚަބަރު

"މިއީ މެނޭޖުމަންޓާއި، ސަޕޯޓަރުން އަދި ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ"


ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދުނީ މެނޭޖުމަންޓާއި، ސަޕޯޓަރުން އަދި ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން ކަމަށް ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ގެ ކޯޗު އިސްމާޢީލް ޝަރީފް ބުނެފިއެވެ.

އާރްއާރްސީން ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން 7-5 ނަތީޖާއަކުންނެވެ. މި މޮޅާއެކު އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމު ވަނީ މިދިޔަ ދެ އަހަރުގެ ފައިނަލުން ބަލިވެފައެވެ. އެ ގޮތުން ދެ އަހަރުގެ ފައިނަލުގައި ވެމްކޯ އަތުން އާރްއާރްސީއަށް ނާކާމިޔާބުވިއިރު، މި ފަހަރުގެ މުބާރާތް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި މުބާރާތުގެ އެންމެ މޮޅު ކޯޗު (މާސްޓަރ އޮފް ފުޓްސަލް) ގެ މަގާމު ހޯދި އާރްއާރްސީގެ ކޯޗު އިސްމާޢީލް ޝަރީފް ބުނީ މިއީ ވަރަށް އުނދަގޫ ދަތުރެއް ކަމަށާއި، އެގޮތުން އެ ޓީމުގެ އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ޢަލީ ހާފިޒަށް އަނިޔާވުމުގެ އިތުރުން ގިނަ ކުޅުންތެރިންތަކެއް ގެއްލުމުން އެކަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ. އެކަމަކު މުބާރާތުގެ ޗެމްޕިއަންކަން ހޯދުނީ މެނޭޖުމަންޓާއި، ސަޕޯޓަރުންނާއި ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން ކަމަށް ވަނީ ބުނެފައެވެ.

ކޯޗު އިސްމާޢީލް ޝަރީފް ބުނީ ކްލަބް މޯލްޑިވްސް ސީޒަން ފެށުނުއިރުވެސް އެ ޓީމުގެ އަމާޒަކަށް ވީ، ކްލަބް މޯލްޑިވްސް ކަޕުގެ ތަށި ހޯދުން ކަމަށެވެ. އެގޮތުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ކިންގްސް ކަޕުވެސް އަމާޒަށް ލައިގެން މަސައްކަތްކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އާރްއާރްސީގެ އިބްރާހީމް އަސްވަދު ބުނީ މިއީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ކުރި ހިތްވަރުގެ ނަތީޖާ ކަމަށެވެ. އަދި ޓީމުގައި ހިމެނޭ މުހިއްމު ގިނަ ކުޅުންތެރިން ތިބި ނަމަވެސް ކާމިޔާބު ހޯދުނީ އެކަމަށް ނުބަލައި ހިތްވަރާއެކު ކުރި ބުރަމަސައްކަތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއީ އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެގޮތުން އާރްއާރްސީން މީގެ ކުރިން މި މުބާރާތް ކާމިޔާބުކުރީ 2021 ވަނަ އަހަރުއެވެ. މީގެ އިތުރުން އާރްއާރްސީން ވަނީ ކްލަބް މޯލްޑިވްސްއިން މި އަހަރު ބޭއްވި ކިންގްސް ކަޕުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.