އެކްޒީމާ ބަލި ތަހައްމަލުކުރާ ކުދިންނަށާއި، ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑރ.ޝިރާނީ ލިޔުއްވި ފޮތް "ހަޔާތުގެ ސަފްހާތަކުން ބާބެއް :އެކްޒީމާގެ ދަތުރު" ނެރުއްވައިފިއެވެ.
"ހަޔާތުގެ ސަފްހާތަކުން ބާބެއް :އެކްޒީމާގެ ދަތުރު" ގެ ނަމުގައި ޑރ.ޝިރާނީ ލިޔުއްވި ފޮތަކީ އެކްޒީމާ ތަހައްމަލުކުރާ ކުދިންނަށާއި، ޢާއިލާތަކަށް ޚާއްސަކޮށް ބަލި ތަހައްމަލުކުރަމުންދާ ޢާޢިލާއެއްގެ ތަޖުރިބާއިން އެހެން އާއިލާތަކަށާއި، ބަލި ތަހައްމަލުކުރާ އެހެން ބަޔަކަށް ހިތްވަރު ދިނުމުގެ ގޮތުން ލިޔުއްވާފައިވާފޮތެކެވެ.
ޑރ. ޝިރާނީ ވިދާޅުވީ، މި ފޮތަކީ، އެކްޒީމާ ހުންނަ ކުދިންނަށް އިތުރު ހިތްވަރެއްދިނުމުގެ ގޮތުން ލިޔުއްވި ފޮތެއްކަމަށެވެ.
"މިފޮތުން ބުނެދޭން ބޭނުންވޭ. ހަމަ މިއާއިއެކު އެކްޒީމާ ހުންނަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް މިފޮތުން އެހީތަރިކަމެއް ލިބި، މިދަތުރުގައި އެމީހުންތިބީ އެކަނިނޫންކަން ބުނެދިނުމަކީ މިފޮތުގެ އެންމެ ބޮޑު މަގުސަދު" ޑރ. ޝިރާނީ ވިދާޅުވިއެވެ.
މި ފޮތުގައި އެކްޒީމާއާއި ގުޅޭގޮތުން ކުޑަކުދިންގެ ޚާއްސަ ޑރ.އައިމިނަތު އަބޫބަކުރު ހިއްސާކުރައްވާފައިވާ މަޢުލޫމާތުގެ އިތުރުން، ކުޑަކުދިންނަށް ޖެހޭ "ފެބްރައިލް ސީޒާސް" ނުވަތަ ހުންއައުމުން ފިޓްޖެހުމާ ގުޅޭގޮތުން ޑރ. އާއިޝަތު ސޮފާ ދެއްވައިފައިވާ މަޢުލޫމާތުވެސް ހިމަނާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެކްޒީމާއަކީ އެބައްޔެއްގެ އުދަގުލާއިވޭން އެތައް ކުޑަކުދިންނެއް އުފުލާބައްޔެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން، ދުނިޔޭގެ %10 އަށްވުރެ ގިނަކުޑަކުދިން މިބަލި ތަހައްމަލު ކުރަމުންދެއެވެ. އެކްޒީމާއަކީ އޭގެ ސަބަބުން ކުުއްޖާގެ އާންމު ދިރިއުޅުމަށާއި ކެއުމާއި ނިދުންފަދަ ކަންކަމަށް އުދަގޫވެ މައިންބަފައިންނަށްވެސް އެތަކެއް ހިތާމައަކާއި އުދަގުލެއްކުރިމަތިކުރުވާ ބައްޔެކެވެ.
ޑރ. ޝިރާނީ ވިދާޅުވީ، ވަގުތާއި ހިތްވަަަރާއި، މަސައްކަތާއި އަދި ދުޢާއާއިއެކު ކޮންމެ ހުވަފެނަކީވެސް ކުލަޖެއްސިދާނެ ހުވަފެނެއްކަމަށެވެ.
"މިފޮތް 25 އޮކްޓޯބަރ ގައި ރަސްމީކޮަށް މިނެރުނީ މިއީ އަޅުގަނޑުގެ އުފަންދުވަހުގެ މުނާސަބަތުގައި، މިއީ ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާ. ފޮތެއްނެރުމުގެ ހުވަފެނަކީ އަޅުގަނޑު 13 އަހަރުގައި ދެކެން ފެށި ހުވަފެނެއް. އުމުރުން 25 އަހަރުން ފެށިގެން އަމިއްލަ ބްލޮގްގައި ލިޔުމުގެ އިތުރުން އެކި ނޫސްތަކުގައި އެކިކަހަލަ އާރޓިކަލްތައް ލިޔަމުންގޮސް ފޮތަކާހިސާބަށް މިއާދެވުނީ ވަރަށް މަސައްކަތުން. އެހެންކަމުން މިއަދު ދަރިފުޅަށް އަދި އެހެން ކުޑަކުދިންނަށް ބުނެލަދޭން ބޭނުންވަނީ ހުވަފެންދަކޭށޭ" ޑރ.ޝިރާނީ ވިދާޅުވިއެވެ.
އެކްޒީމާ ބަލި ތަހައްމަލުކުރާ ކުދިންނަށް ޚާއްސަކޮށް ޑރ.ޝިރާނީ ލިޔުއްވި ފޮތް ޕްރިންޓްކުރެވިފައިވަނީ ދިވެހި އަދި އިނގިރޭސިބަހުން އެއްފޮތަކުން ފެންނާނެގޮތަށެވެ. މި ފޮތް ނެރެދެއްވީ ޑރ.ޝިރާނީގެ މަންމައާއި ބައްޕައެވެ.
މިފޮތުގެ ކޮޕީއެއް މިހާރު ކުޅުދުއްފުށީގެ ޕަބްލިކް ލައިބްރަރީއަށް ހަދިޔާކުރައްވާފައިވާކަމަށާއި، މިފޮތް އާންމުންނަށް ގަންނަން ލިބޭނެގޮތަށް ކުރިއަށްއޮތް މަހެއްގެ ތެރޭގައި ލިބެންހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕްރި އޯޑަރކުރުމަށް ހުޅުވާލާނެކަމަށްވެސް ޑރ. ޝިރާނީ ވިދާޅުވިއެވެ.