ޚަބަރު

މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމަށް ޚާއްސަ ސިމްޕޯޒިއަމެއް


އައިންމަތީ މިޔަރު ހިމެނޭހެން ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ތަފާތުބާވަތްތަކުގެ މިޔަރާއި މަޑީގެ ބާވަތްތަށް ހިމާޔަތް ކުރުމާއި ގުޅޭގޮތުން ދުނިޔޭގެ ތަފާތު ޤައުމުތަކުގެ މަންދޫބުންނާއެކު ޚާއްސަ ސިމްޕޯޒިއަމެއް ރާއްޖޭގައި ފަށައިފިއެވެ.

"ދަ ސެކަންޑް އިންޓަރނޭޝަނަލް ޝާކްއެންޑް ރޭ ކޮންޒަވޭޝަން ސިމްޕޯޒިއަމް" ގެ ނަމުގައި ބ. އަތޮޅުގެ ރިޒޯޓެއްކަމަށްވާ ފޯރ ސީޒަންސް ލަނޑާގިރާވަރުގައި ކުރިއަށްދާ މި ބައްދަލުވުމަކީ، އަންނަ ސެޕްޓެމަބަރ މަހު ސައުތުއެފްރިކާގެ ޖޮހަނަސްބާގް ގައި އޮންނަ ސައިޓީސް ކޮޕް  ސެވަންޓީންގެ ބައްދަލުވުމަށް ރާއްޖެއިން ހުށައަޅާ ޕްރޮޕޯޒަލްއަށް ޤައުމުތަކުގެ ތާއީދު ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ބައެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

tw:https://twitter.com/EnvGovMv/status/767974920034942976

ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ ވިޔަފާރި ކޮންޓްރޯލް ކުރުމާއި ގުޅޭ މުއާހަދާ، ސައިޓީސްގެ ދަށުން މިފަހަރު ރާއްޖެއިން ހުށައަޅުއްވަނީ، އައިންމަތީ މިޔަރު ހިމާޔަތްކުރުމުގެ ޕްރޮޕޯޒަލްއެކެވެ. ދުނިޔެއިން ނެތެމުންދާ މިޔަރާއި، މަޑީގެ ބާވަތްތައް ހިމާޔަތްކޮށް މިބާވަތްތަކުގެ ދިރުން ނެތިދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް މިއަދު ފެށި މި ސިމްޕޯޒިއަމްގައި ސްރީލަންކާއާއި، ފިޖީފަދަ ޤައުމުތައް ބައިވެރިވެއެވެ.

މި ސިމްޕޯޒިއަމްގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ތާރިޤް އިބްރާހީމް ވިދާޅުވީ، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލައި ހިތްވަރުދެއްވާނެކަމަށެވެ. އެއާއެކު، ރާއްޖެއިން ހިމާޔަތްކުރައްވާފައިވާ ކަނޑުގެ ދިރުންތަކުގެ ސަބަބުން މިހާރުވެސް ރާއްޖޭގެ މަސްވެރިކާމާއި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ކުރިއެރުން ލިބެމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

tw:https://twitter.com/EnvGovMv/status/767979273965699072

މިނިސްޓަރ ގެ ސްޓޭޓްމަންޓްގައި ރާއްޖެއިން ކޮޕް ސެވަންޓީންގެ ބައްދަލުވުމަށް ހުށައަޅުއްވާ އައިންމަތީ މިޔަރު ހިމާޔަތްކުރުމުގެ ޕްރޮޕޯޒަލްއަށް ދުނިޔޭގެ ތަފާތު ގިނަ ޤައުމުތަކެއްގެ ތާއީދު ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މި ސިމްޕޯޒިއަމްގައި މިޔަރާއި، މަޑި ހިމާޔަތްކުރެވިދާނެ ގޮތްތަކާއި، ދުނިޔޭގެ ފެންވަރުގައި އެކި އެކި ޖަމްޢިއްޔާތަކުން ކުރަމުންދާ މަސަކަތްތަކާއި، ގުޅޭ ޕްރެޒެންޓޭޝަންތަކެއް މިމަސަކަތުގައި ހަރަކާތްތެރިވާ ކަމުގެ ތަޖުރިބާކާރުން ހުށައަޅައިދީފައިވެއެވެ. މިއަދުގެ ސެޝަންގައި ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ފަރާތުން މިޔަރާއި، މަޑި ހިމާޔަތްކުރުމަށް ކުރަންމުންދާ މަސަކަތްވެސް އެފަރާތުން ވަނީ ސިމްޕޯޒިއަމްގެ ބައިވެރިންނަށް ހުށައަޅައިދީފައެވެ. މީގެ އިތުރުން ފޯސީޒަންސް ލަނޑާގިރާވަރުގައި، ކަނޑުގެ ދިރުން ހިމާޔަތްކޮށް ދިރުވުމަށް ކުރަމުންދާ މަސަކަތްތައްވެސް އެރިސޯޓުގެ ފަރާތުންވަނީ ހުޅައިދީފައިވެއެވެ.