ޚަބަރު

"އިދާރީ ގޮތުން ވަކިވިޔަސް އައްޑޫ ރައްޔިތުން ތިބޭނީ އެއްބައިވަންތަ ބައެއްގެ ގޮތުގައި"


  • ހުޅުދޫއާއި މީދޫގައި ވަކި ކައުންސިލް އުފައްދަން ރައްޔިތުން ވަނީ ރުހުން ދީފައި

  • އައްޑޫ ރައްޔިތުންނަށްވާތީ އަދިވެސް ފަޚުރުވެރިވާކަމަށް ވިދާޅުވޭ

އައްޑޫ ހުޅުދޫ އާއި މީދޫ އެ ސިޓީން އިދާރީ ގޮތުން ވަކިވިނަމަވެސް އަތޮޅުގެ އެއްބައިވަންތަކަމަށް ބަދަލެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ދެ ރަށް ތަމްސީލްކުރައްވާ މެންބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން މިހެން ވިދާޅުވީ އެ ދެ ރަށުގައި ކުރިއަށްދިޔަ ފެންނަ ނުފެންނަ ވޯޓުގައިި އިދާރީގޮތުން ދެ ރަށް އައްޑޫ ސިޓީކައުންސިލާ ވަކިވުމަށް ނިންމި ނިންމުން ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައެވެ.

ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ނިންމުމާ ގުޅޭގޮތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން ހުޅުދޫއާއި މީދޫ އޮތުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ދިމާވެފައިވާ ކަމަށެވެ. އެކަން ހައްލުކޮށް، އިދާރީގޮތުން މިނިވަންކަން ދެ ރަށަށް ހޯދައިދިނުމަށް ރައްޔިތުން އެދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުމަކީ ރަށާއި ރައްޔިތުންގެ ކުރިއެރުމާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.

މެންބަރު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ސިޔާސީ ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް އެއީ ވަކި ފިކުރަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންވެސް އެދިގެން ނެގި ވޯޓެއްކަމަށެވެ. އަދި މި ވޯޓުގެ ސަބަބުން ހުޅުދޫ އާއި މީދޫގެ ރައްޔިތުން އިދާރީގޮތުން ވަކިވިނަމަވެސް އަތޮޅުގެ ރައްޔިތުންގެ އެއްބައިވަންތަކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އައްޑުއަތޮޅުގެ ކޮންމެ ދަރިއަކީވެސް އައްޑުއަތޮޅު ދެކެ ފަޚުރުވެރިވާ، އައްޑުއަތޮޅަށްޓަކައި ގުރުބާނީތަކެއް ވެފައިތިބި ބައެއް. އަދި މިހާރުވެސް އެ މަސައްކަތް ކުރަމުންދާ ބައެއް. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އެހެން ރަށްރަށުގައިވެސް މިދިރިއުޅެނީ. އެ ބޭފުޅުންނާ އަޅުގަނޑުމެންނާ ނެތް އެއްވެސް ހިންހަމަނުޖެހުމެއް،" ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވިއެވެ.

މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހުމާންވެސް ވިދާޅުވީ މިއީ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ރަށުގެ ރައްޔިތުން ގުޅިގެން ރަށުގެ ކުރިއެރުމަށްޓަކަައި ނިންމި ނިންމުމެއް ކަމަށެވެ. ހުޅުދޫ އާއި މީދޫގައި ނެގި ފެންނަ ނުފެންނަ ވޯޓަކީ ދެ ރަށުގެ ރައްޔިތުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި ދެ ރަށުން ނިންމި ނިންމުމަށް ކުރިއަށް އޮތް ޖީލުތައް ފަޚުރުވެރިވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"އަސްލު މިކިޔަނީތާ ބައިބައިވަނީއޭ. އަޅުގަނޑަކަށް ނުފެނޭ މިތާނގައި ބައިބައިވުމެއް. އަޅުގަނޑަށް ފެންނަނީ އެންމެން އެއްކޮށް އަޅުގަނޑުމެން ތިބިތަން. މިއީ ޖިހާދެއް. އަޅުގަނޑުމެންނާއެކު ތިބީ ވަކި ޕާޓީއަކަށް ނުބަލައި އެކުގައި ތިބި ބައެއް،" މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހުމާން ވިދާޅުވިއެވެ.

އައްޑޫ ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ދާއިމީ ނަތީޖާއިން ދައްކާގޮތުގައި ހުޅުދޫގެ ވޯޓުލި %68 ރައްޔިތުން ވަނީ އެ ރަށުގައި ވަކި ކައުންސިލެއް އޮންނަން ފެންނަ ކަމަށް ތާއީދުކޮށްފައެވެ. އަދި މީދޫގެ ވޯޓުދިން %85 ރައްޔިތުން ވަނީ އެ ރަށުގައި ވަކި ކައުންސިލެއް އޮންނަން ފެންނަ ކަމަށް ތާއީދުކޮށްފައެވެ.