އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. އަދި މި މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އަށް 9 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނިޓުގައި އާސެނަލް އަށް ކާމިޔާބު ކޮށްދީފައިވަނީ ކުރިން ކްރިސްޓަލް ޕެލަސް އަށް ކުޅުނު އެބެރެޗީ އެޒޭ އެވެ.
އެޒޭ ކްރިސްޓަލް ޕެލަސް އިން އާސެނަލް އާއި ގުޅިފައިވަނީ މިދިޔަ ހޫނު މޫސުމުގައި 67 މިލިއަން ޕައުންޑުގެ ފީ އަކަށެވެ.
މި މެޗުގައި ކްރިސްޓަލް ޕެލަސް އިން ވަނީ މަދުން ނަމަވެސް އާސެނަލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ޝޯން ފިލިޕް މަޓޭޓާ ގެ ކުޅުން ފާހަގަކޮށްލެވެއެވެ.
އާސެނަލް އަށް މި މެޗުގައި ލީޑު ފުޅާ ކުރަން ދެވަނަ ހާފުގައި ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ގެބްރިއަލް ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑި އަށެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމުން ވަނީ މެޗަކުން ބަލިނުވެ 10 މެޗު ހަމަކޮށްފަ އެވެ.