ޚަބަރު

ޑިފެންސް މިނިސްޓަރ، ޑިފެންސް ކޮލެޖުގެ ވަފްދާ ބައްދަލުކުރައްވައިފި


އިސްތިރާޖީ ދަތުރު ނުވަތަ ސްޓްރެޓެޖިކް ޓުއަރއެއްގައި މިހާރު ރާއްޖެ އައިސްއުޅޭ އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދުގެ ބޭފުޅުންނާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ދެއްކެވި ވާހަކަފުޅުގައި އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖަކީ އެމްއެންޑީއެފްގެ ސީނިއަރ ގިނަ ބޭކަލުން ތަމްރީނު ފުރިހަމަކުރައްވާފައިވާ ކޮލެޖެއްކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި ކާރިސާގެ ވަގުތުތަކުގައި ވެދެއްވާ އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވަފުދުގެ ބައިވެރިންނަށް މިބައްދަލުކުރެއްވުމުގައި ވަނީ ޙިއްސާކުރައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14719514182348.jpg|ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން / ފޮޓޯ: އެމްއެންޑީއެފް

މި ބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅުންނާއި އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދުގެ ފަރާތުން އެ ކޮލެޖުގެ ބައެއް އިސް ބޭފުޅުންނާއި، އެ ކޮލެޖުގައި ތަމްރީނު ފުރިހަމަކުރަމުންދާ އެކި ޤައުމުތަކުގެ ސިފައިންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި އިންޑިއާގެ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަސާންތު ހާންޑޫ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވަފުދުގެ ދަތުރު ނިންމާލުމަށްފަހު އެނބުރި އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.