ޚަބަރު

ކުރެންދޫ މަގުހެދުމާއި ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތް އާރްޑީސީއަށް


  • ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި 4 އެންދުގެ ވޯޑެއް ހުންނާނެ

  • ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރިތައްވެސް ހިމެނޭނެ

ޅ. ކުރެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާ.ރް.ޑީ.ސީއާއި ހަވާލުކޮށްފިއެވެ.

އާރްޑީސީއަށް މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ކުރެންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަގުތައް ތަރައްޤީކުރުމަކީ ކުރެންދޫއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމެއްކަމަށެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒަށް އިތުރުވެގެންދާ އިމާރާތަކީވެސް ކުރެންދޫގެ އާބާދީއަށް ބަލައި މިހާރު ނުދެވޭ ޚިދުމަތްތައް ޤާއިމްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި 4 އެނދުގެ ވޯޑަކާއި ނާރސް ސްޓޭޝަން، އެކްސްރޭ ރޫމް އަދި ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރިތައްވެސް ހިމެނޭނެކަމަށެވެ.

"މީގެ ސަބަބުން ސިއްޚީ ޚިދުމަތްތައް ވަރުގަދަކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކުރުމަށް ވާނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ގޮތުން ގިނަ މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެއެވެ. މީގެ ތެރޭގައި އަސާސީ މުހިންމު ޚިދުމަތްތަކާއި ރަށްރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތައް ހިމެނެއެވެ.