ޚަބަރު

އޭޝިއަން ޔޫތު ގޭމްސް: ބެޑްމިންޓަންގައި ފަލާޙް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް


މިހާރު ބަޙްރެއިންގައި ކުރިއަށްދާ 3ވަނަ އޭޝިއަން ޔޫތު ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި މިއަދު ކުޅުނު ފުރަތަމަ ބުރުގެ މެޗު ކާމިޔާބުކޮށް އަހުމަދު ފަލާޙް ފަރުޒާން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އޭޝިއަން ޔޫތު ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ ކުޅުން މިއަދު ފެށުނު އިރު ފަލާހް ފުރަތަމަ ބުރުގެ މެޗުގައި ބައްދަލުކުރީ ކެމްބޯޑިއާގެ ވިލިއަމް އިއާ އާއެވެ.

މިމެޗުގެ ފަށައިގެން ލީޑު ނަގާ މޮޅަށް ކުޅެމުންދިޔައީވެސް ފަލާޙުއެވެ. އެހެންނަމަވެސް ފުރަތަމަ ސެޓުގެ މެދުތެރެއިން ވިިލިއަމް ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ސެޓު 17-21 ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ފަލާޙް ވަނީ މެޗުގައި އިތުބާރާއެކު ކުޅެންފަށާފައެވެ. މިސެޓު ފަލާޙް ގެންދިޔައީ 21-11 އިންނެވެ.

މެޗު ޑިސައިޑިންގ ސެޓު ފަށައިގެން ދެ ކުޅުންތެރިންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެހެންނަމަވެސް މި ސެޓުގެ ފަހު ކޮޅަށް އެޅުމުން ފަލާޙް ވަނީ ތަފާތު ދައްކާ މެޗު ކާމިޔާބުކޮށްފައެވެ. ފަލާޙް ތިންވަނަ ސެޓުގެ ނެގީ 21-17 އިންނެވެ.

ބެޑްމިންޓަންގައި ދިވެހި ކުޅުންތެރިން ކުޅުނު މެދުތަކުގެ ތެރެއިން މެޗެއް ކާމިޔާބުކުރެވުނު ހަމައެކަނި ކުޅުންތެރިއަކީވެސް ފަލާޙްއެވެ.

މިމުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، އިބްރާހިމް ނާޝިތު ހަމްދީ ސިންގަލްސްގައި ފިލިޕީންސްގެ ރޮން އެޒެކިއެލް އާއި ބައްދަލުކުރި މެޗު 2-0 ސެޓުން ކާމިޔާބުކުރި ފިލިޕީންސް ކުޅުންތެރިއާއެވެ. އެއީ 8-21، 11-21 ހުންނެވެ.

މިކްސް ޑަބަލްސް އިވެންޓުގައި އައިޝަތު ޔޫހާ އާއި އަހުމަދު އިޔާންގެ ޕެއާ ބައްދަލުކުރީ ހޮންގ ކޮންގެ ސައި ޗިންގް އާއި ވިންގް ޗީގެ ޕެއާ އާއެވެ. މިމެޗު ދެ ސެޓުން ގެންދިޔައީ ކޮންގ ކޮންގެ ޕެއާއެވެ.

މިކްސް ޑަބަލްސްގައި އައިމިނަތު އަމްނާ އާއި އަހުމަދު އަޔާންގެ ޕެއާ ބައްދަލުކުރީ ތައިލޭންޑްގެ ހަނަފޮން އާއި ތިތަޓްގެ ޕެއާ އާއެވެ. މިމެޗު ތައިލެންޑްގެ ޕެއާ ކާމިޔާބުކުރީ 2-0 ނެވެ.

މިއަދު ކުޅުނު ފަހު މެޗުގައި ސިންގަލްސް އަންހެން އިވެންޓުގައި ކިޔާން ބައްދަލުކުރީ ޔޫއޭއީގެ މީޝާ އާއެވެ. މިމެޗުގައި ކިޔާން ވަނީ މޮޅު ކުޅުމެއްދައްކާ މީޝާ ކައިރީގައި ރަނގަޅު ފައިޓެއް ދީފައެވެ. މިމެޗު ޔޫއޭއީ ކުޅުންތެރިއާ ކާމިޔާބުކުރީ 2-0 ނެވެ.

ބެޑްމިންޓަން އިވެންޓުގައި މާދަމާ ރާއްޖޭގެ ކުޅުންތެރިން ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަލްސްގެ މެޗުތަކެވެ. މިގޮތުން މިއަދު މެޗުން މޮޅުވި ފަލާޙް ދެވަނަ ބުރުގައި ކުޅޭ މެޗާއި އޭނާގެ އެއްމާބަނޑު ކޮށްކޮ އަމިނަތު ފަރްހާ ފަރުޒާންގެ ސިންގަލްސް މެޗު އޮންނާނެއެވެ.