ޚަބަރު

ނިއު އަތުން ހޯދި ޕޮއިންޓާއެކު އީގަލްސް ފުލުން ހިއްލާލައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް ކުލަބް އީގަލްސް އިން ހޯދި ޕޮއިންޓާ އެކު ތާވަލުގެ ފަހަތުން ސަލާމަތް ވެއްޖެއެވެ. މި ދެޓީމު ވާދަކުރި މެޗު ނިމުނީ 0-0 ލަނޑުން އެއްވަރު ވެގެންނެވެ.

މެޗުން ލިބުނު ޕޮއިންޓާ އެކު ނިއުވަނީ ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށް ލީގުގެ ދެވަނައަށް ޖެހިލާފައެވެ. އީގަލްސް އިން މި މެޗަށް ނުކުތްއިރު، ލީގު ތާވަލުގެ ފުލުގައި އޮތް ނަމަވެސް މި މެޗުން ލިބުނު ޕޮއިންޓާއެކު، ފަސް މެޗުން ތިން ޕޮއިންޓް ހަމަކޮށް ވަނީ 10 ޓީމު ކުޅޭ ލީގުގެ އަށް ވަނަ އަށް ޖެހިލާފައެވެ. 8 ވަނައިގައި އޮތް އީގަލްސް އާއި ނުވަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ފަސް މެޗުން ލިބުނީ ތިން ޕޮއިންޓެވެ.

ލީގުގެ 1 ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ފަސް މެޗުވެސް ކާމުޔާބުކޮށް 15 ޕޮއިންޓް ހަމަކޮށްފައެވެ. ދެ ވަނައިގައި އޮތް ނިއު އާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ހަމަލާތައް އުފެއްދުމުގައި ނާކާމިޔާބު ވެގެންދިޔައިރު މާ އެދެވޭ ކުޅުމެއް ވެސް ދެއްކިފައެއް ނުވެއެވެ.

މެޗުގެ 11 ވަނަ މިނިޓުގައި އީގަލްސްގެ އިބްރާހިމް މަހުދީ ހުސެން ނަގައިދިން ބޯޅައެއް އޭރިޔާ ތެރެއިން އީގަލްސްގެ ހަސަން ސަހާފް ފޮނުވާލުމުން ނިއުގެ ކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮއްފައެވެ.

ފުރަތަމަ ހާފުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ނިއުއަށް ލިބުނު ހިލޭ ޖެހުމެއް އަލީ ފާސިރު ފޮނުވާލުމުން ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗުގެ 36 ވަނަ މިނިޓުގައި ނިއުގެ މުހައްމަދު އިރުފާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ ސީދާ ނުވެއެވެ.

މެޗުގެ އެންމެ ހުސް ފުރަސެތެއް ލިބުނީ އީގަލްސްގެ އިބްރާހިމް މަހުދީއަށެވެ. 50 ވަނަ މިނިޓުގައި އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިންވެސް ނައްޓާލާ ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ނިއުގެ ޑިފެންޑަރ ފަރަކަޖޯން އެވެ.

އޭގެފަހުން އީގަލްސްގެ އިބްރާހިމް އާއީ ނިއުގެ އަހުމަދު ހުސާމްއަށް ލިބުނު ފުރުސަތު ވަނީ ބޭނުން ހިފޭގޮތް ނުވެފައެވެ. މެޗުގެ 78 ވަނަ މިނިޓުގައި މުހައްމަދު ޝަހާއު ފޮނުވާލި ބޯޅައެއް އީގަލްސްގެ ކީޕަރު ވަނީ މަތަކޮއްފައެވެ. މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގެ އީގަލްސްގެ އިބްރާހިމް ރިޒުވާން އާއި އިބްރާހިމް މަހުދީއާ ދެކުޅުންތެރިން އެކުވެގެން އުފެއްދި ހަމަލާ މަހުދީ ފޮނުވާލުމުން ނިއުގެ ކީޕަރު ވަނީ ދިފާއު ކޮއްފައެވެ.

އީގަލްސް މިވަނީ އެންމެ ފަހުން ކުޅުނު ދެމެޗުގައި މިފަހަރު ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އޮޑި ސްޕޯޓްސް ކުލަބާއި ނިއު އަތުން ޕޮއިންޓެއް ހޯދާފައެވެ. އީގަލްސް އަދިވެސް އޮތީ މި ސީޒަންގެ އެޓީމުގެ ފުރަތަމަ މޮޅުގެ އިންތިޒާރުގައެވެ.