ޚަބަރު

ޔުވެންޓަސްގެ ކޯޗު ކަމުން ޓޫޑޯ ވަކިކޮށްފި


ޔުވެންޓަސްގެ ކޯޗު ކްރޮއޭޝިޔާގެ އީގޯ ޓޫޑޯ ހަތް މަސް ދުވަހަށްފަހު އެ މަގާމުން ވަކިކޮށްފި އެވެ.

އުމުރުން 43 އަހަރުގެ ޓޫޑޯ ޔުވެންޓަސްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިއަހަރުގެ މާޗް މަހު އޭރުގެ ކޯޗު ތިއާގޯ މޯޓާ މަގާމުން ވަކިކުރުމަށްފަހުގަ އެވެ.

ޓޫޑޯގެ އިރުޝާދުގެ ދަށުން ޔުވެންޓަސް ވަނީ މިދިޔަ އާދީއްތަ ދުވަހު ލާޒިއޯ އަތުވެސް ބަލިވެފަ އެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ތިން މެޗުންނެވެ. ދެ މެޗުން ބަލިވެފައިވާއިރު ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔުވެންޓަސް އަށް ލީގުގައި ކުޅުނު 8 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.

ލާޒިއޯ އަތުން ޔުވެންޓަސް ބަލިވުމާއިއެކު އެ ޓީމު ވަނީ ޖެހިޖެހިގެން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ވަނީ ޓޫޑޯ އާއި އޭނާގެ ޓީމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކޯޗެއް ހަމަޖެހެންދެން ވަގުތީ ގޮތުން ޓީމަށް އިރުޝާދު ދޭނީ މަސިމިލިއާނޯ ބްރަމްބީލިއާ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުވެންޓަސް ކުޅޭ ފުރަތަމަ މެޗަކީ އަންނަ ބުދަ ދުވަހު އުދިނޭޒީ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗަށްފަހު ޔުވެންޓަސް އޮތީ ގްރޫޕް ސްޓޭޖުގެ 25 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެއް މެޗުން ބަލިވެފައިވާއިރު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.