ޚަބަރު

ފުޓްބޯޅަ ކުރިން އޮތް ހިސާބަށް ގެންދިއުމަށް އެފްއޭއެމުން ކުރަނީ މުހިއްމު މަސައްކަތްތަކެއް: ޝިއުރީ


  • ކުރީގެ ފުޓްބޯޅަ އޮތް ލެވެލަށް ގެންދިއުމަށް ކުރާ މަސައްކަތަކީ ހަމަ ވަރަށް މުހިންމު މަސައްކަތެއް

  • ފީފާގެ ރައީސްގެ ދަތުރުފުޅަށްފަހު ފުޓްބޯޅައިގެ ތަރައްޤީއަށް ގިނަ ކަންކަން ފަހިވެއްޖެ

ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރީގެ ކުލަބުތަކާއި ކުރީގެ ފުޓްބޯޅަ އޮތް ލެވެލަށް ގެންދިއުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރާ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ބޯޑު މެންބަރު އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ މަސައްކަތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ ޚާއްސަ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުލަބުތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝިއުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝިއުރީ ވިދާޅުވީ އެ ބައްދަލުވުމުގައިވެސް އެފްއޭއެމްގެ އައު މެނޭޖުމެންޓުން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާކަން އެނގުނުކަމަށެވެ.

”ބައްދަލުވެގެން ދެއްކި ވާހަކައިންވެސް އިނގޭ ހަމަ ރާއްޖެއަށް ސަޕޯޓް ދޭން ބޭނުންވާކަން އަދި އާ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކުރިޔަށް އޮތްތާންގައި އެކި އެކި ކަންކަން ކުރުމުގެ ވިސްނުން ހުންނެވިކަން ފާޅުކުރެއްވި“ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމަކީ ފުޓްބޯޅަ މިހާރުއޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދަން ފުރުސަތު ހުޅުވިގެންދާނެ ކަމެއް ކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ސަރުކާރުގެވެސް ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރީގެ ކުލަބުތަކާއި ކުރީގެ ފުޓްބޯޅަ އޮތް ލެވެލަށް ގެންދިއުމަށް ކުރާ މަސައްކަތަކީ ހަމަ ވަރަށް މުހިއްމު މަސައްކަތެކޭ. މިހާރުވެސް އަޅުގަނޑުމެންނަށް ފެނޭ ވަރަށް ގިނަ ސަޕޯޓަރުން ބައެއް މެޗުތަކުގައި ކުރީގައި އެއޮތް ފޯރި ހަމަ ބައެއް މެޗުތަކުގައިގެންނަކަން. އެގޮތުން ބެރުޖަހާ އަޑުގަދަކޮށް މިކަހަލަ އެޓްމޮސްފިއަރއެއް މަޑުމަޑުން ބިލްޑްވާން ފަށައިފި" ޝިއުރީ ވިދާޅުވިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ހުރި ހުރިހާ ކުލަބުތަކުގެ މެދުގައި ވަރަށް ރަނގަޅު ލީގެއް ކުރިޔަށްގޮސް ކުރީގައި އޮތް ފޯރި މަޑުމަޑުން އިޔާދަވެގެން އަންނަތަން ފެނިގެންދާކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް ހިސާބަށް އަލުން ގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ. ފީފާފެ ރައީސާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމުގެ އުންމީދު ވަނީ އައުވެފައެވެ. އެގޮތުން މާލީގޮތުން ބޮއްސުންލާފައިއޮތް ފުޓްބޯޅަ އިދާރާގެ ފަންޑު މެނޭޖްމެންޓް ސިސްޓަމާއި އިދާރީ ކަންކަން ހަމަމަގަށް އަޅުވައި، ދެފުއް ފެންނަ ނިޒާމަކަށް އެ އިދާރާގެ އޮނިގަނޑު އަލުން ބަދަލުކުރުމުގެ މަސައްކަތަށް ފީފާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.

ވަކިން ޚާއްސަކޮށް އަތޮޅުތެރޭގައި ފުޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިން އުފައްދައި، އެ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުން ހިމެނެއެވެ. އެގޮތުން ނޮވެމްބަރު 1 ގައި ފަށާ އެޓޯލް ޗެމްޕިއަންޝިޕާއި އަންހެން ފުޓްބޯޅަ މުބާރާތަށް އެހީވުމަށް ފީފާއިން ވަނީ ނިންމަވާފަފައެވެ.

ފީފާގެ ރައީސްގެ ދަތުރުފުޅަށް އިޝާރާތް ކުރައްވަމުން ޝިއުރީ ވިދާޅުވީ މިއީ ވަރަށް މުހިއްމު އަދި ވަރަށް އުންމީދީ ކަމެއްކަމަށެވެ.

”މީ އަސްލުގައި ވަރަށް ރަނގަޅުކަމެއް. އެފްއޭއެމްގެ އިސްނެގުމަކަށް މި އަލަށް އިންތިހާބުވި ޓީމު، ހާއްސަކޮށް ތާރިޤްގެ މެނޭޖްމެންޓްގެ ދަށުން މިހާ އަވަހަށް ފީފާގެ ރައީސް ރާއްޖެ ޒިޔާރަތްކުރުމަކީ ފަތުރުވެރިކަމަށް ސްޕޯޓްސް ޓުއަރިޒަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް“ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ފީފާގެ އައު ފްރޮޖެކްޓްތަކެއް ރާއްޖެއަށް ގެނެސް ވަރަށް އަވަހަށް ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓާއި، ފީފާ އެރީނާތައް ރާއްޖޭގައި ގާއިމުކުރުމުގެ ޕްރޮޖެކްޓްތަކެއް ހިންގަވާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސްގެ ދަތުރުފުޅަށްފަހު ވަނީ ދެއްވާފައެވެ.