އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ލޯ މެޑެލް ހޯދި ރާއްޖޭގެ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ މުބާރާތުގައި ވާދަކޮށް ލޯ މެޑެލް ހޯދާފައިވަނީ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކުރި އަންހެން ޓީމުންނެވެ.
މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން މިހާތަނަށް ރާއްޖެއިން ހޯދި ފުރަތަމަ މެޑެއްޔެވެ. އަންހެން ޓީމުން 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކޮށް ތިންވަނަ ހޯދީ 47.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ޓީމުގައި ހިމެނެނީ ކުޅުދުއްފުށި ސިޓީގެ އަހުނާ ނިޒާރާއި، އައްޑޫ ސިޓީގެ ހާއްވާ މުޒްނާ ފާއިޒާއި، މާލެ ސިޓީގެ ދެ އެތުލީޓުން ކަމަށްވާ ޒިވާ މޫސާ ޝަފީއާއި އައިޝަތު ޝަބާ ސަލީމެވެ. މީގެ އިތުރުން މި މުބާރާތުގައި ރާއްޖޭގެ ފިރިހެން އެތުލީޓުންވެސް ވަނީ ވާދަކޮށްފައެވެ.
އިންޑިއާގައި ކުރިއަށްދިޔަ މުބާރާތުގެ ކާމިޔާބީއަށްފަހު މިއަދު މެންދުރު ޓީމު އެނބުރި މާލެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުންނާއި، އެތުލެޓިކްސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަހުގެ 16 އިން 24 އަށް އިންޑިއާގެ ރާންޗީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ބަންގްލަދޭޝް އާއި ނޭޕާލް ފަހަތަށް ޖައްސާލައި، ތިންވަނަ ހޯދުމަކީ ރާއްޖޭގެ އެތުލީޓުން ހޯދި ތާރީޚީ ކާމިޔާބީއެއް ކަމަށް ފާހަގަކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ރާއްޖެ ތަމްސީލުކުރި އަންހެން އެތުލީޓުންނަށް މަރުޙަބާ ކިޔާފައެވެ.
މި އިންވެޓުން ރަން މެޑެލް ހޯދީ 44.70 ސިކުންތުން ރޭސް ނިންމައިގެން ސްރީ ލަންކާއިންނެވެ. އަދި ރިހި މެޑެލް ހޯދީ 44.93 ސިކުންތުން ރޭސް ނިންމައިގެން އިންޑިއާއިންނެވެ. މި އިވެންޓުގައި ވާދަކުރި ބަންގްލަދޭޝްއަށް ލިބިފައިވަނީ ހަތަރުވަނައެވެ. އެންމެ ފުލުގައި އޮތީ ނޭޕާލެވެ.