ޚަބަރު

ބޮޑުފޮޅުދޫ ބަނދަރުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރާނެ: ވަޒީރު މުއްޠަލިބް


  • ބަނދަރު ހެދުމަށްޓަކައި ކޮންސެޕްޓް ޕްލޭނެއް ދަނީ އެކުލަވާލަމުންދާކަމަށް ވިދާޅުވި

  • ޢަމަލީ މަސައްކަތް ފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ވިދާޅުވި

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ބަނދަރުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރެވޭނެކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ބަނދަރު ހެދުމަށްޓަކައި ކޮންސެޕްޓް ޕްލޭނެއް އެކުލަވާލުމަށް ކައުންސިލާއެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ކޮންސެޕްޓް ޕްލޭން އެކުލަވާލައި، ނިމުނުން ނޮވެންބަރު މަހު، މި މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޢަމަލީ މަސައްކަތް ފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި ބޮޑުފޮޅުދޫ ބަނދަރުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ބަނދަރުގެ ކޮންސެޕްޓް ޕްލޭންގެ މަސައްކަތްކުރިއަށްދާކަން ވަޒީރު ވިދާޅުވެފައިވާއިރު، ބޮޑުފޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުން އެދޭ ގޮތަށް ވީ އެންމެ ފުރިހަަމައަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންގޮސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކުކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.