ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި، ގަތުމުގެ މުޢާމަލާތް ހިންގުމަކީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މި މައްސަލަ ދިމާވާ މައިގަނޑު ސަބަބަކީ، ޑޮލަރަށް އޮތް ބޮޑު ޑިމާންޑާއި، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ ބޭރު ފައިސާގެ މިންވަރާ ދެމެދު އޮތް ބޮޑު ފަރަގެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޭންކުތަކަށް ފޯރުކޮށްދެވެނީ މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ގާތްގަނޑަކަށް %10 އާއި %20 އާ ދެމެދުގެ މިންވަރެކެވެ.
ޑޮލަރު ލިބުން ދަތިވާ އަނެއް ސަބަބަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވާ ޑޮލަރުގެ އަދަދު މަދުވުމާއި، ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކެވެ. ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިގަނޑު މަސްދަރަކީ ފަތުރުވެރިކަންކަމަށް ވާއިރު، އައިއެމްއެފް އިން ފާހަގަކޮށްފައިވާ ގޮތުގައި، ރިސޯޓުތަކަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަދެއެވެ. ބައެއް ބޭރު ފައިސާ ރާއްޖޭން ބޭރުގެ އެކައުންޓްތަކުގައި ބެހެއްޓުމާއި، ނުރަސްމީ މުއާމަލާތްތަކަށް ބޭނުންކުރުމުގެ ސަބަބުން ރަސްމީ ބާޒާރަށް ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވެގެންދެއެވެ.
ޑޮލަރުގެ ޕެރަލަލް މާކެޓް ނުވަތަ ކަޅު ބާޒާރަށް ފުރުޞަތު ހުޅުވެނީ މިފަދަ ސަބަބުތަކާހުރެއެވެ. އެ މާކެޓްގެ ސަބަބުން އިޤްތިޞާދަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައި ތަކެތީގެ އަގު އުފުލުމާއި، ވިޔަފާރިތަކަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި، ނުރަސްމީކޮށް ކުރާ މާލީ މުޢާމަލާތްތައް މޮނިޓަރ ނުކުރެވުން ހިމެނެއެވެ.
ވިޔަފާރިތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ އިތުރު ޚަރަދުތައް އެ ފަރާތްތަކުގެ ޚަރަދުގެ ގޮތުގައި ހިމެނުމުމުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީއަށް އޭގެ އަސަރު ކުރެއެވެ. އަދި ރަސްމީ ނިޒާމުގެ ތެރެއިން އިތުރު ޑޮލަރު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން، ޤައުމުގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ބާރު ބޮޑުވެގެންދެއެވެ.
ދާދިފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކުވަނީ ބޮޑުއަގުގައި ޑޮލަރު ވިއްކުމުގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރުން ލަސްވީ ކީއްވެތޯ އަދި ކުރިން އެ މަސައްކަތް ނުކުރީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
ޖަވާބުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުކާރުން އައީ ފެށުނީއްސުރެ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންކަމަށެވެ. ނަމަވެސް އެހިސާބަށް ދިއުމުގެ ކުރިން ސަރުކާރުން އަޅަންޖެހުނު މުހިންމު އެހެން ފިޔަވަޅުތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކަރުން އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ރާއްޖެ ބަނގުރޫޓު ނުވެ ސަލާމަތްކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ނިޒާމަށް ހައްލު ގެނައުމާއި ހިސާބަށް ދިއުމުގެ ކުރިން ސަރުކާރުން ފުރިހަމަ ކުރަން ޖެހުނު އެހެން ގިނަ ކަންތައްތަކެއް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު ޑޮލަރު އެކްސްޗޭންޖުގެ ނިޒާމު ހަރުދަނާކުރުމަށް ޤާނޫނީގޮތުންނާއި، ރެގިއުލޭޝަންގެ އުސޫލުތަކަށް ގެންނަންޖެހުނު ބަދަލުތައް ގެންނަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް ދޫކުރާ ޑޮލަރު ލިބުމުގައްޔާއި ބޭރުގައި ތިބި ދަރިވަރުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
"އެއްވެސް ސަރުކާރަކަށް އަޅަން ނުކެރުނު ފިޔަވަޅުތަކެއްގެ ވާހަކަ ތި ފާހަގަކުރެއްވީ. ހުރިހާ ބޭފުޅުންނަށްވެސް ޤަބޫލުކުރެވޭ މިހާރު ފިޔަވަޅުތަކެއް އެޅޭކަން. އަޅުގަނޑުމެންނާއެކު ރާއްޖޭގެ ވިޔަފާރިކުރައްވާ ފަރާތްތައް ކޮންމެ ދުވަހަކު އެތައް މަސައްކަތެއް ކުރައްވާ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު އޮތްކަމަށް ބުނުމަކީ ފަސޭހަކަމެއްކަމަށާ، އެ މައްސަލައަށް ފިޔަވަޅު އެޅުމަށް ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.
ޑޮލަރުގެ ފައިސާ ދައުރުވާ ގޮތާއި، ނުއަގުގައި ފައިދާ ހޯދުމުގެ މަރުހަލާ ފަދަ ކަންކަން ބެލުމަށް ފަހު، ނުއަގުގައި ފައިސާ ހޯދަނީ ކިހިނެތްކަން ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަޤިީންކަން ވަޒީރު ދެއްވިއެވެ.
"ރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓެއް އޮތްކަމަށް ބުނުމަކީ، މަތިމަތިން ކަންކަން ބެލުމަށް ފަހު ބުުނަން ފަސޭހަކަމަކަށްވެދާނެ. ނަމަވެސް ސަރުކާރަކުން އެފަދަ ކަމެއްގެ ތެރެއަށް ވަންނާނީ ވަރަށް ބޮޑަށް ކަންކަން ބެލުމަށްފަހުގައި." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސަގެ މުއާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައި ހޮޓްލައިނަށް ގިނަ އަދަދަކަށް މެސެޖު ލިބިފައިވާ ކަމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި ބޭންކިން ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލުމަށް މެދުވެރިވެއެވެ. ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާއެކު މިމައްސަލައަށް ހައްލުތަކެއް ގެނެވި ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރުފައިސާ ލިބޭނެ ގޮތް ހަމަޖެއްސެވުމެވެ.
ބޭރު ފައިސާގެ ބާޒާރު ރަނގަޅުކޮށް، ރަސްމީ ނިޒާމުގެ ތެރެއިން ޑޮލަރު ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުންވަނީ މީގެކުރިންވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ 1 އޮކްޓޫބަރު 2024 ގައި އަމަލުކުރަން ފެށި "ބޭރު ފައިސާއާ ބެހޭ ގަވާއިދު" އެވެ. މި ގަވާއިދުގެ ސަބަބުން ކުރިން އަމަލުކުރަމުންދިޔަ މަނީ އެކްސްޗޭންޖް ގަވާއިދު އުވި، ބޭރު ފައިސާގެ މުއާމަލާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ ބެލެހެއްޓުމާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތަޢާރަފުކޮށްފައެވެ.
މީގެ އިތުރުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މުހިންމުކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. އެމްއެމްއޭގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭރު ފައިސާގެ އާމްދަނީގެ ބައެއް ނުރަސްމީ ބާޒާރުގައި ދައުރުވުމާއި ނުވަތަ ބޭރުގެ ބޭންކުތަކުގައި ބެހެއްޓުމަކީ، އިޤްތިޞާދަށް ބޭނުންވާ ބޭރު ފައިސާއާއި ބޭންކުތަކުން ފޯރުކޮށްދޭ މިންވަރާ ދެމެދު ފަރަގު އުފެދެން މެދުވެރިވާ ސަބަބެކެވެ.
އެހެންކަމުން، މިކަމުގައި އޮތް ގޮންޖެހުމަކީ ހަމައެކަނި ޑޮލަރުގެ ސަޕްލައި އިތުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ރާއްޖޭގެ އިޤްތިޞާދުގެ ތެރެއިން އުފެދޭ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމަށް ވަންނަކަން ކަށަވަރުކުރުމަކީވެސް މުހިންމު ކަމެކެވެ.
އެމްއެމްއޭ އިން ވަނީ ބައެއް މުހިންމު ލަނޑުދަނޑިތައް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ރަސްމީ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކުރުމާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުމަށާއި ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ހިތްވަރުދިނުމާއި، ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކުރުމަށް ހަދާފައިވާ ގަވާއިދުތައް ހަރުދަނާކުރުމާއި، ރަސްމީ ރޭޓާއި ނުރަސްމީ ރޭޓާ ދެމެދު އޮތް ފަރަގު ކުޑަކުރުން؛ އަދި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުން ހިމެނެއެވެ.