ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށް ކަންކަން މަގުފަހިކޮށްދިނުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތީ ކުޅިވަރު އެތުލީޓުންނަށް އުޖާލާ މުސްތަގުބަލެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ ބަހްރެއިންގެ މަނާމާގައި ކުރިއަށްދިޔަ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގައި ވާދަކުރި ދިވެހި އެތުލީޓުންގެ ފެންވަރު ބައްލަވާލައްވާފައެވެ. ބަހްރެއިންގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ އެ ގޭމްސްއިން ފެނިގެންދިޔައީ ވަރަށް އުޖާލާ މަންޒަރެއް ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ގިނަ ގައުމުތަކާއެކު ހެދިގެންދާ ފަހުމުނާމާތަކުގައި ހުނަރު ބަދަލުކުރުމުގެ ޕްރޮގުރާމުތައް އެބަހުރި ކަމަށާއި، އެގޮތުން ސައުދީ އަރަބިއްޔާއިންވެސް އެކަން މަގުފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޗައިނާގެ ފުޖިއާން ޕްރޮވިންސާއެކު މިދިޔަ އަހަރު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ފުޖިއާން ޕްރޮވިންސުންވެސް ނޮވެމްބަރު މަސް ތެރޭގައި ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމުގެ ފުރުސަތު އެބަ ލިބޭ. އަދި ރާއްޖެއަށް އެ ބޭފުޅުންގެ ޓެކްނިކަލް ބޭފުޅުން ފޮނުވައިގެން ފަންސާހަކަށް އެތުލީޓުންނާއި ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއްވެސް އޮތީ ހަމަޖެހިފައި. އަދި އެތުލީޓުންނަށް އެހީވާންތިބޭ ފަސްޓް އެއިޑަރުންނަށް އެކްސްޕޯޝަރ ޕްރޮގުރާމެއް ދާދި ފަހުން ޗައިނާއަށް ގެންގޮސްގެން ދެވިއްޖެ."
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެތުލީޓުންނަށް ބޭނުންވާ ފުރުސަތުތައް އެކި ގޮތްގޮތުން ފަހިކޮށްދެމުން އަންނަ ކަމަށެވެ. އަދި އެތުލީޓުންނަށް ރާއްޖެއިންވެސް ބޮޑެތި ފުރުސަތުތައް ލިބޭ ގޮތަށް ކުޅިވަރުގެ ސިސްޓަމް ފަރުމާކުރެވިގެންދާނެ ކަމަށާއި، އެގޮތުން މިދިޔަ މެއި މަހުން ފެށިގެން ގައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި އަރުތަ ޕްރޮގުރާމް ވަރަށް އަވަހަށް އައު ފޯމިއުލާއެއްގައި ފެށިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ތައުލީމީ ކަންކަމާއެކު ސްކޮލަރޝިޕް ލިބިގެންދާނެ ގޮތަށް މަގުފަހިވުމަކީ ޒުވާން އެތުލީޓުންނަށް ވަރަށް ބޮޑަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެއާއެކު އޯލެވެލް ނުވަތަ އޭލެވެލް ހަދާ އަހަރު ކުޅުންތެރިން އަނބުރާ ރާއްޖެ އަންނާކަށް ނުޖެހޭނެ. އެ ކުޅުންތެރިންނަށް ކިޔެވުމާއެކު ކުޅުމުގެ ފުރުސަތު ލިބިގެން އެދަނީ."
މީގެ އިތުރުން ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުޅުންތެރިންނަށް އިންޝުއަރެންސް ހަމަޖެހިގެންދާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށް ކަންކަން މަގުފަހިކޮށްދިނުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށާއި، ކުރިއަށް އޮތީ ކުޅިވަރު އެތުލީޓުންނަށް އުޖާލާ މުސްތަގުބަލެއް ކަމަށްވެސް ވިދާޅުވިއެވެ.