ޚަބަރު

"ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ލިބުނު ކާމިޔާބީގައި މުޅި ރާއްޖެ ޙިއްސާވޭ"


  • ލޯ މެޑެލް ހޯދީ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކުރި އަންހެން ޓީމުން

  • ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެތުލެޓިކްސް ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކުރެވޭ ކަމަށް ބުނި

އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ އަންހެން ރިލޭ ޓީމުން ލޯ މެޑެލް ހޯދިއިރު، މި ކާމިޔާބީގައި މުޅި ރާއްޖެ ޙިއްސާވާ ކަމަށް ޓީމުގެ ކޯޗު ޢަބްދުﷲ އިބްރާހީމް ބުނެފިއެވެ.

ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ލޯ މެޑެލް ހޯދާފައިވަނީ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކުރި އަންހެން ޓީމުންނެވެ. މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން މިހާތަނަށް ރާއްޖެއިން ހޯދި ފުރަތަމަ މެޑެއްޔެވެ. އަންހެން ޓީމުން 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކޮށް ތިންވަނަ ހޯދީ 47.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ޓީމުގައި ހިމެނެނީ ކުޅުދުއްފުށި ސިޓީގެ އަހުނާ ނިޒާރާއި، އައްޑޫ ސިޓީގެ ޙައްވާ މުޒްނާ ފާއިޒާއި، މާލެ ސިޓީގެ ދެ އެތުލީޓުން ކަމަށްވާ ޒިވާ މޫސާ ޝަފީއާއި އައިޝަތު ޝަބާ ސަލީމެވެ. މީގެ އިތުރުން މި މުބާރާތުގައި ރާއްޖޭގެ ފިރިހެން އެތުލީޓުންވެސް ވަނީ ވާދަކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ޢަބްދުﷲ އިބްރާހީމް ބުނީ މި މުބާރާތަކީ ގިނަ މެޑެލްތަކެއް ލިބޭނެ މުބާރާތެއް ކަމަށާއި، މި ފަހަރުގެ މުބާރާތުން އެންމެ މެޑެއްޔެއް ލިބުނު ނަމަވެސް ނަތީޖާތަކަށް ބަލާއިރު ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް މިއަށްވުރެ ރަނގަޅަށް ތައްޔާރުވެގެން ދެވިއްޖެނަމަ އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށްވެސް ބުންޏެވެ.

ޢަބްދުﷲ ބުނީ މި ފަހަރު ލިބުނު ކާމިޔާބީގައި މުޅި ރާއްޖެ ހިއްސާވާ ކަމަށެވެ. އެގޮތުން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކުޅުދުއްފުށިން ފެށިގެން އައްޑުއާ ހަމައަށް ނިސްބަތްވާ އެތުލީޓުން ކަމަށާއި، އެހެންކަމުން ކުޅުދުއްފުއްޓާއި އައްޑޫގެ ރީޖަނަލް ކޯޗުން ކުރާ މަސައްކަތް ބަލައިގަން ކަމަށްވެސް ވަނީ ބުނެފައެވެ.

"ކުޅުދުއްފުއްޓާއި އައްޑޫގެ ރީޖަނަލް ކޯޗުން އެ ކުރާ މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަށް. އަދި ހަމަ އެގޮތަށް މާލޭ ދެ ކުދިން ލައިގެން މި ކާމިޔާބު ހޯދީ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ކަންކޮޅުތަކުގެ ކޯޗުންނާއި އެތުލީޓުން ކުރާ މަސައްކަތް މި ފެނިގެންދިޔައީ. އެހެންވީމާ މި ކާމިޔާބީއަކީ މުޅި ރާއްޖެ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ." ކޯޗު ޢަބްދުﷲ އިބްރާހީމް ބުންޏެވެ.

ޓީމުގެ ކޯޗު ހުސައިން އިނާސް ބުނީ މި ކާމިޔާބީން ފާހަގަވވީ ރާއްޖޭގެ އެތުލެޓިކްސް މިހާރު ކުރިއަރަމުންދާކަން ކަމަށެވެ. އޭގެ ސަބަބަކީ ސީނިއަރ މުބާރާތަށްވެސް ޔޫތު ކުދިން ކޮލިފައިވުން ކަމަށާއި، އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެތުލެޓިކްސް ކުރިއަރުވަން ކުރާ މަސައްކަތް މި ކާމިޔާބީން ފާހަގަވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެތުލެޓިކްސް ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކުރެވޭ. މި މަސައްކަތްތަކުގެ ސަބަބުން ވަރަށް ރަނގަޅު ކާމިޔާބީތަކެއް ކުރިއަށް އޮތް ތަނުގައި ލިބޭނެކަމަށް އުއްމީދުކުރެވޭ." ކޯޗު ހުސައިން އިނާސް ބުންޏެވެ.

މި މަހުގެ 16 އިން 24 އަށް އިންޑިއާގެ ރާންޗީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ބަންގްލަދޭޝް އާއި ނޭޕާލް ފަހަތަށް ޖައްސާލައި، ތިންވަނަ ހޯދުމަކީ ރާއްޖޭގެ އެތުލީޓުން ހޯދި ތާރީޚީ ކާމިޔާބީއެއް ކަމަށް ފާހަގަކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ރާއްޖެ ތަމްސީލުކުރި އަންހެން އެތުލީޓުންނަށް މަރުޙަބާ ކިޔާފައެވެ.