ޕޮލިޓެކްނިކްއަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ "ސްކިލް ފެސްޓް 2025" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފަށްޓަވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދާއި، ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން އަދި އިސްވެރިންނާ ދަރިވަރުން ބައިވެރިވިއެވެ.
މި ފެސްޓް ހުޅުއްވައިދެއްވައި ޕޮލިޓެކްނިކްގެ 50 އަހަރުގެ ހަނދާނީ ބޯޑުގެ ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙުކޮށްދެއްވިއެވެ.
އެކަމަނާވަނީ ޕޮލިޓެކްނިކްގެ ވޯކްޝޮޕްތަކާއި ސްޓޯލްތައް އަދި ފެސްޓިވަލްގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.
ޕޮލިޓެކްނިކްގެ ދަރިވަރުންގެ ފަރާތުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ފެސްޓިވަލަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެސްޓިވަލްއެވެ.
މި ފެސްޓިވަލްއަކީ ޕޮލިޓިކްނިކްގެ މަސައްކަތްތަކާއި ހިންގާ ކޯސްތަކުގެ މަޢުލޫމާތާއި ވޯކްޝޮޕްތައް ބަލާލުމުގެ ފުރުޞަތާއެކު ކުރިއަށްގެންދާ ފެސްޓިވަލްއެކެވެ. އަދި ކުޑިދިންނަށް ޚާއްސަ ކުޅިވަރުތަކާއި ތަފާތު ގޭމްތައްވެސް ހިމެނެއެވެ.
މި ފެސްޓިވަލްއާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރަމުން ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ، ޕޮލިޓެކްނިކްގެ 50 އަހަރުގެ ޚިދުމަތަކީ، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމުގެ އަގުހުރި މަސައްކަތްތަކެއްކަމަށެވެ. ޛޫޝާން ވިދާޅުވީ، ކޮންމެ މީހަކީވެސް ހުނަރުތަކެއް ލިބިގެންވާ މީހެއްކަމަށާއި ޕޮލިޓެކްނިކްއިން މި ފައިކޮށްދެމުންދާ ފުރުޞަތުތަކަކީ، އެ ހުނަރުތައް ތަރައްޤީކޮށް ކުރިއަށްދިއުމުގެ ފުރުޞަތުކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އާމާޒަކީ ވަޒީފާ މައިދާނަށް ދިވެހިން ތަމްރީންކޮށް، ނެރެ، ރާއްޖޭގެ ވަޒީފާތަކަށް ބިދޭސީން ގެންނަންޖެހޭ ޖެހުން މަދުކުރުން. އަދި މި ސިނާޢަތްތަކުގައި ދިވެހިން ކުރިއަރާ ދިއުން." ޛޫޝާން ކަމާލުއްދީން ވިދާޅުވިއެވެ.
ފެސްޓިވަލްގައި ޕޮލިޓެކްނިކްގައި ހިންގާ ޢަމަލީ ކޯސްތަކުގެ ވޯކްޝޮޕްތައް ބަލާލުމުގެ އިތުރުން ޝަޢުގުވެރި އެތައްކަމެއް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބެއެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި، މަސައްކަތުގެ ޢަމަލީ ތަމްރީން ލިބޭގޮތަށް ހަދާފަވާ ވޯކްޝޮޕްޓަކެވެ. އެގޮތުން މެކޭނިކަލް، އިލެކްޓްރޯނިކްސް، އިންޖިނިއަރިން، ރޮބޮޓިކްސް އަދި މިނޫންވެސް ޢަމަލީގޮތުން ތަފާތު ކަންތައްތަކެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކޭކް ބޭކިންއާއި ފެޝަން ޑިޒައިންއާއި އެކި ކަހަލަ އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ފެސިލިޓީތައްވެސް ހިމެނެއެވެ.
ޕޮލިޓެކްނިކްއިން ވިދާޅުވީ މިއީ ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ހިންގާ ފެސްޓިވަލްއެއްކަމަށެވެ. އެގޮތުން ކުޑަކުދިންގެ އިތުރުން ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޝާމިލުވެވޭގޮތަށް ހަރަކާތްތައް ހިމެނެއެވެ. މި ހަރަކާތުގައި ދަރިވަރުންނާއެކު ބެލެނިވެރިންވެސް ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް އެ މުވައްސަސާއިން ވިދާޅުވެއެވެ.
މި ހަރަކާތް ކުރިއަށްގެންދަނީ ޕޮލިޓެކްނިކްގެ ސްކޫލްތަކުގެ އިތުރުން، ބައެއް އެސްއޯއީތަކުންވެސް ބައިވެރިވެއެވެ.
ފެސްޓިވަލްއަށް ވަދެވޭނީ ހިލޭއެވެ. ނަމަވެސް ފެސްޓިވަލްއަށް ޒިޔާރަތްކޮށް ރެޖިސްޓްރީކުރުމުން ލަކީޑްރޯތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެއެވެ. ފެސްޓިވަލް ކުރިއަށްދަނީ ޕޮލިޓެކްނިކްގެ އިމާރާތުގައެވެ.
މި ފެސްޓިވަލް ކުރިއަށްދާނީ ބުދަ، ބުރާސްފަތި އަދި ހުކުރު، މި 3 ދުވަހަށެވެ.