ޚަބަރު

ކުރިޔަށް އޮތް މެޗުގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ގެންނަށް ޖެހޭކަމަށް ޤަބޫލުނުކުރެވޭ: ނިޒާމް


  • ބުރު ދެން ނިކުންނާނީ އަންނަ ހޮނިހިރު ދުވަހު ނިއުރޭޑިއަންޓާއި ދެކޮޅަށް

  • ބުރު އެންމެ ފަހުން ކުޅުނު މެޗުގައި އޮޑި އަތުން ބަލިވީ 2-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ކޮންމެ މެޗެއްގައިވެސް އިދިކޮޅު ޓީމަށް ބަލައިގެން ގޭމް ޕްލޭނަށް ބަދަލު ގެންނަ ކަމަށާއި، ކުރިޔަށް އޮތް މެޗަށް ނިކުންނައިރު މާ ބޮޑު ބަދަލެއް ގެންނަންޖެހޭނެކަމަށް ނުބެލެވޭ ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އެންމެފަހުން ބުރު ސްޕޯޓްސް ކުލަބުން ނިކުތީ 26 އޮކްޓޫބަރުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އޮޑި އަތުން 2-1ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނިޒާމް ބުނީ އެ ނަތީޖާއަކީ ކުޅުންތެރިންގެ ސަމާލުކަން ގެއްލި ކޮންސެންޓްރޭޝަން ލެވެލް ދަށްވުމުގެ ނަތީޖާކަމަށެވެ. އެ މެޗު އޮޑިން ކާމިޔާބުކުރީ ބުރު ލީޑުގައި އޮއްވައި، ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ.

އެންމެ ފަހުން ކުޅުނު މެޗަށް އިޝާރާތް ކުރަމުން ނިޒާމް ބުނީ އެއީ ގޯސް ދުވަހެއް ކަމަށާއި، ޓްރޭނިންތަކުގައި ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިޔަސް މެޗެއްގެތެރޭގައި ކުޅުންތެރިންގެ ވިސްނުން ހުންނަ ގޮތް އެއީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

"ކުޅުންތެރިންގެ ވިސްނުމާ އެއްޗެހި އެ ހުންނަގޮތް އެއީ ވަރަށް ބޮޑު އެއްޗެއް. މި ބުނާއެއްޗަކީ ޓްރޭނިންއަށް ކިތަންމެ ރަނގަޅަށް ތައްޔާރުވެގެން އަޔަސް މިތާ މެޗަށް އަންނަ ދުވަހު އެންމެ އެކަށީގެންވާގޮތަށް ހުރިހާ ޕްލޭޔަރުން ތައްޔާރުވެގެން ނައިއްސި ކަމަށް ވަންޏާ އަމުދުން މިކަހަލަ ސްކޮޑެއްގައި ވަރަށް އުނދަގޫވާނެކަން އޭގެ ނަތީޖާ އެންމެ ފަހުން ފެނިގެން ދިޔައީ" ނިޒާމް ބުންޏެވެ.

ބުރު ސްޕޯޓްސް ކުލަބުން ދެން އެންމެ އަވަހަށް ކުޅޭނީ ތާވަލުގެ ދެވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހެވެ.
ބުރު ސްޕޯޓްސް ކުލަބު މިވަގުތު އޮތީ ކުޅުނު 5 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.