ކުޅިވަރު

ކުރިއަށް އަދި ހަތަރު މެޗު އެބައޮތް، އުންމީދު ކަނޑައެއް ނުލާނަން: ނިސްތާރު


  • • ގްރީންސްޓްރީޓްގެ ދެ ކީޕަރުވެސް މިވަގުތުހުރީ އަނިޔާގައި

  • • އިތުރު ކީޕަރެއް ޓީމުގައި ޖެހުމުގެ ހުއްދަ އެފްއޭއިންވަނީ ދީފަ

  • • ލީގު ތާވަލަށް ބަލާއިރު ގްރީންސްޓްރީޓްސް މިވަގުތު އޮތީ ނުވަވަނައިގަ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިމަހުގެ 25 ވަނަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވިކަމަށްވިޔަސް އަދިވެސް އުންމީދު ކަނޑާނުލާނެކަމަށާ މިހާރުގެ ހުރިހާ ފޯކަސްއެއް ހުރީ ކުރިއަށް އޮތް ހަތަރު މެޗުގެ ނަތީޖާ ރަނގަޅުކުރުމަށްކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.

ލީގުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ނިސްތާރު ބުނީ މެޗުން ބަލިވުމުގެ ޒިންމާ އޭނާ ނަގާނެކަމަށެވެ. ފުލުފުލުގައި ފޫ އަޅުވާލި ގޯލުތަކުގެ ޒިންމާ ކީޕަރުގެ ބޮލުގައި ނާޅުވާނެކަމަށާ މާޒިޔާއަކީ ވަރުގަދަ ޓީމަކަށްވެފައި ގާތްގާތުގައި ތިން ގޯލު އިދިކޮޅުން ވައްދާލުމުން ކުޅުންތެރިންގެ ކޮންސެންޓްރޭޝަންއަށް އަސަރުކުރީކަމަށް ނިސްތާރު ބުންޏެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާޒިޔާއަށް ރަނގަޅު ފުރުސަތުތަކެއް ފަހިވީކަމަށް އޭނާ ދެކޭކަމަށް ނިސްތާރު ފާހަގަކޮށްފަވެއެވެ.

" އަޅުގަނޑަށް ހީވަނީ އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން އަސްލު ފުރަތަމަ ގެންނަން އުޅުނު ބޭރު ކީޕަރު ޠާހާ، އޭނާއަށް ނާދެވުނީ ދެން ހުރީ ރަމީ އިންޖަރީވީ. މިއަދު ހުރީ ޔަނާލް. އަޅުގަނޑަށް ހީވަނީ އޭނާ ވަރަށް ކުޅުނު ކަންނޭނގެ" ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ މެޗުގެ ނަތީޖާގެ ޒިންމާ ކީޕަރު ނަގަންޖެހޭނެކަމަށް ގަބޫލުނުކުރާކަމަށެވެ. އޭގެ ބަދަލުގަ އެކަމުގެ ޒިންމާ ނަގާނީ އޭނަކަމަށާ މިނަތީޖާގެ ސަބަބުން މާޔޫސްނުވާނެކަމަށެވެ.

ގްރީންސްޓްރީޓްސްއަކީ އަބަދުވެސް ހިތްވަރުކުރާނެ ޓީމެއްކަމަށް އޭނާ ބުންޏެވެ. ލީގުގައި އަދިވެސް ހަތަރު މެޗު ކުރިއަށް އޮތްއިރު މިހާރުގެ އަމާޒަކީ އެމެޗުތަކުގެ ނަތީޖާތައް ރަނގަޅުކޮށް ލީގުގެ ރަނގަޅު ހިސާބެއްގަ އޮތުންކަމަށް އޭނާ ފާހަގަކުރިއެވެ.

"އިންޝާﷲ އަރައިގަނެވޭނެ، އަދި ހަތަރު މެޗު އެބައިން. އަޅުގަނޑު ވަރަށް ގިނައިން ކިޔައިފިން މިހެން އެހެންވީމަ ދެން ބޭނުންވަނީ އެކަން ދައްކަން. ރިޒަލްޓް އިރާދަކުރެއްވިއްޔާ ފެންނާނެ" ނިސްތާރު ބުނެފަވެއެވެ.

ގްރީންސްޓްރީޓްގެ ތިން ކީޕަރުން އެކި ސަބަބުތަކާހުރެ ގެއްލިއްގެން ދިއުމަކީ ޓީމަށް ލިބުނު ގެއްލުމެއްކަމަށް އޭނާ ބުންޏެވެ. އެންމެ ފުރަތަމަ ގެންނަން ހަމަޖެހުނު ކީޕަރު ޠާހާއަށް އާދެވޭގޮތް ނުވުމާ، ކީޕަރު ރަމީ އަދި ޔަނާލްއަށް މިވަގުތު އަނިޔާގެ މައްސަލަ ދިމާވެފައިވުމުން އެއީ ޓީމަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް ނިސްތާރު ހާމަކުރިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ތިން ކީޕަރުން މި ގެއްލުނީ. އެފްއޭއިން އެބައިން އަޅުގަނޑުމެންނަށް ފުރުސަތުދެއްވާފަ އިތުރު ކީޕަރެއްޖަހަން. އެހެންވީމަ އެކަމުގެ މަސައްކަތް މިހާރު ފަށައިގެން މިއުޅެނީ" ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ނިސްތާރު ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ގްރީންސްޓްރީޓްއަށް ލިބިފަވަނީ އެންމެ މޮޅެކެވެ. އަނެއް ހަތަރު މެޗުން ބަލިވުމާ ގުޅިގެން މިވަގުތު ޓީމު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. ގްރީންސްޓްރީޓްސްއިން މިހާރު ތައްޔާރުވަމުން އަންނަނީ މާދަމާރޭ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމަށެވެ.

މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮޑިން 13 ޕޮއިންޓާއެކު ތާވަލުގެ ގަދަ ތިނެއް ކަށަވަރުކޮށްފަވާއިރު އެޓީމު ކުޅުނު ފަސްމެޗުގެ ތެރެއިން މިހާތަނަށް ގެއްލިފަވަނީ އެންމެ މެޗެކެވެ.