ޚަބަރު

ދިވެހިބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރައްވާ ޑރ. އާމިނަތު ޒާހިރު ތާރީޚުގެ ތެރެއަށް


  • މިއީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް

  • ޑރ. އާމިނަތު ޒާހިރަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާއެއް

ދިވެހި ބަހުގެ ދާއިރާއިން، ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރު ވެވަޑައިގެން ތާރީޚުން ޖާގަ ހޯއްދަވައިފިއެވެ.

ޑޮކްޓޯރަލް ޑިގްރީ ދިވެހިބަހުން ހައްދަވައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއިން ޑރ. އާމިނަތު ޒާހިރުވަނީ ދަސްވެނިވެފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނި ޑރ. އާމިނަތު ޒާހިރަށް ދިވެހިބަހާ ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާޙިމްވަނީ ހޫނު މަރުހަބާއެއް ވިދާޅުވަފައެވެ.

ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ދަސްވެނިވުމުގެ ފަޚުރުވެރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މި ކާމިޔާބީއަކީ ދިވެހިބަހަށާއި، ޤައުމީ ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ، ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.

މި ތާރީޚީ ރަސްމިއްޔާތަކީ ވަރަށް ޝަރަފުވެރި ރަސްމިއްޔާތެއްކަން ފާހަގަކުރައްވަމުން ބަހާބެހޭ ވަޒީރު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވުމަކީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފައެވެ.

އާމިނަތު ޒާހިރު ދިވެހި ބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރެއްވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ފުރިހަމަކުރެއްވިއެވެ. ދިވެހިބަހުން ޕީއެޗްޑީއަށް ކިޔަވަން އާމިނަތު ޒާހިރު ފައްޓަވާފައިވަނީ 2019 ވަނަ އަހަރުއެވެ. ޑރ. އާމިނަތު ޒާހިރަކީ އަކީ މިހާރު ވެސް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާއެކެވެ.