ޚަބަރު

ރާއްޖެއަށް ޚާއްސަ އާރް.އެސް.ޑަބްލިއު ސިސްޓަމެއް ތަޢާރަފްކޮށްފި


  • މި ސިސްޓަމް ތަޢާރަފްކޮށްދެއްވީީ، މަސްވެރިކަމާއި ބެހޭ ވަޒީރު

  • މި ސިސްޓަމްގެ ސަބަބުން މަސްވެރިންގެ އާމްދަނީ އެތައް ގުނައަކުން އިތުރުވާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްސަ ރެފްރިޖެރޭޓެޑް ސީވޯޓަރ، އާރް.އެސް.ޑަބްލިއު ސިސްޓަމެއް ތަޢާރަފްކޮށްފިއެވެ.

މި ރެފްރިޖެރޭޓެޑް ސީވޯޓަރ، އާރް.އެސް.ޑަބްލިއު ސިސްޓަމް ތަޢާރަފްކޮށްދެއްވީީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.

އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތަޢާރަފްކުރި އާރް.އެސް.ޑަބްލިއު ނިޒާމަކީ، ރާއްޖޭގެ މަސް ދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ޚާއްސަ ކޮށްގެން ތަޢާރަފްކުރި ފުރަތަމަ ނިޒާމެވެ.

އާރް.އެސް.ޑަބްލިއު ނިޒާމު އުޅަނދުތަކުގައި ހަރު ކުރުމުން، މަސްވެރިންނަށް އެތަކެއް ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އެގޮތުން އައިސް ލިބުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި، އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މީގެއިތުރުން މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި، މަސްވެރިންގެ އާމްދަނީ އެތައް ގުނައަކުން އިތުރުވާނެ ކަމަށް އެމްޓީސީސީން ޤަބޫލުކުރައްވައެވެ.

އާރް.އެސް.ޑަބްލިއު ނިޒާމެއް ތަޢާރަފް ކުރުމަކީ، ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށްވުމާއެކު، އެންމެ ފުރިހަމަ ގޮތުގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭރު ފައިސާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އައިސް ލިބުމުގެ ދަތިކަމާއި، ތެލުގެ އަގު ބޮޑުވުން ހިމެނެއެވެ. މި ދަތިތަކަށް ހައްލެއްް ހޯދައިދިނުމަށްޓަކައި މިހާރު ސަރުކާރުން ދަނީ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އޮޑި ދޯނިފަހަރުގައި ޤާއިމްކުރުމަށް ލޯނު ދޫކުރަމުންނެވެ.

ސަރުކާރުން ވަނީ، މި މަސައްކަތާއެކު އައިސް ހޯދުމަށް މަސްވެރިން ކުރާ ދަތުރުތަކަށް ލުއި ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ދެކުނުގެ ގިނަ ދޯނިތަކެއްގައި މި ނިޒާމު ހަރުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ޤާއިމްކުރުމެވެ.

މިއަހަރުގެ މަސްވެރިކަމުގެ ދުވަހުގެ ކުރިން އިތުރު 200 މަސްވެރިންނަށް އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް އިތުރު ލޯނު ޕްރޮގްރާމަކަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އިޢުލާންކުރައްވާފައެވެ.