މިއަހަރު ފާހަގަކުރާ 37 ވަނަ ނަޞްރުގެ ދުވަހަށް ޚާއްސަކޮށް ޓެލެވިޜަން މޯލްޑިވްސް، ޓީވީއެމްއިން ޚާއްސަ ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މީގެކުރިން އެއް ޕްރޮގްރާމަކުން ފެނިފައިވާނުވާ އެތަކެއް މަޢުލޫމާތެއް ހިމަނައިގެން ތައްޔާރުކުރާ ޕްރޮގްރާމެކެވެ.
ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ނުރައްކާތެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ވަނީ ޝަހީދުވެފައެވެ.
މިއަހަރުގެ ނޮވެބަރުމަހުގެ 3 ވަނަ ދުވަހަށް މި ހާދިސާއަށް 37 އަހަރު ފުރޭއިރު، އެ ދުވަހުގެ އެތަކެއް ވާހަަކަތަކާއެކު ޓީވީއެމްއިން ވަނީ "88ގެ އެދުވަސް" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ތައްޔާރުކޮށްފައެވެ.
"88ގެ އެދުވަސް" ގެ ނަމުގައި ޓީވީއެމްއިން ތައްޔާރުކުރާ ޕްރޮގްރާމް މެދުވެރިކޮށް، ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގެ ފުރަތަމަ ވަޒަނުން ފެށިގެން، ބާޣީގެ ކިބައިން ދިވެހި ވަޠަން ސަލާމަތުގެ އައްސޭރިއަކަށް ގެންދެވެންދެން ހިނގައިދިޔަ ކަންތައްތަކުގެ މުހިންމު ހަނދާންތަކާއި ވާހަކަތައް ވަރަށް ތަފްޞީލީ ގޮތެއްގައި ކިޔައިދެވޭނެއެވެ.
"88ގެ އެދުވަސް" ގެ ނަމުގައި ސިފައިންނާއި ޓީވީއެމް ގުޅިގެން ތައްޔާރުކުރާ މި ޕްރޮގްރާމްގެ ތެރެއިން އަދުގެ ޖީލުތަކަށް އެދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތް ތަފްސީލީގޮތެއްގައި ކިޔައިދެވޭނެއެވެ. އެގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފްގެ ބޭފުޅުން ޕްރޮގްރާމުގައި ބައިވެރިވިއެވެ.
މި ޕްރޮގްރާމުގެ އެންމެ ޚާއްސަ އެއްކަމަކީ، ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގެ ތަޖުރިބާކުރެވުނު ބައެއް ފަރާތްތަކުގެ ތަޖުރިބާވެސް މި ޕްރޮގްރާމްގެ ތެރެއިން ގެނެސްދެވޭކަމެވެ.
ޓީވީއެމް އިން ތައްޔާރުކުރާ ނަޞްރުގެ ދުވަހުގެ ޚާއްސަ ޕްރޮގްރާމް ގެނެސްދެވޭނީ ނޮވެމްބަރު 3 ވާ ހޯމަ ދުވަހުގެ މެންދުރު 1:00ގައެވެ.