ޚަބަރު

ދުންފަތާ ދުރު ޖީލެއް ބިނާކުރުމުން މުޅި ރާއްޖެއަށް އޭގެ މަންފާ ކުރާނެ: ޠަލާލް


  • ދުންފަތާ ދުރު ޖީލެއް ބިނާކުރުމުން ކުޅިވަރު އާއިލާ ހިމެނޭހެން މުޅި ރާއްޖެއަށް އޭގެ މަންފާ ކުރާނެ

  • މިއީ އެންމެންނަށްވެސް ދުންފަތާއި ދުރަށް ދިއުމަށް ލިބޭ ބާރެއް

ދުންފަތާއި ދުރު ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތަކީ ރާއްޖޭގެ ކުޅިވަރު އާއިލާ ހިމެނޭހެން މުޅި ރާއްޖެއަށް އޭގެ މަންފާ ކުރާނެ ކަމެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ދުންފަތާއި ދުރު ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިޔަށް ގެންދާ ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބާއްވާ 24 ގަޑިއިރުގެ ދުވުން "ނޭޝަނަލް ޓޯޗް ރަން" ގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ ދުންފަތުގެ ހުރިހާ ބާވަތެއް މަނާވެގެންދިއުމުން އެކަން ތަންފީޒު ކުރެވިގެންދާ ދިއުމުގައި މިކަން ރަނގަޅަށް ދެމެހެއްޓިއްޖެކަމަށްވާނަމަ ދިވެހިރާއްޖެއަކީ ދުޅަހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމަކަށް ވާނެކަމަށެވެ.

އަދި ދުންފަތާއި ދުރު ޖީލެއް ބިނާ ކުރުމަށް 2007 ން ފެށިގެން އުފަންވެފައިވާ ކުދިންނާއި އޭގެ ފަހުން އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ދުންފަތުގެ ހުރިހާ ބާވަތްތައް މަނާވެގެން ދިއުމަކީ އެ ކުދިންގެ ބެލެނިވެރިންނަށް ދުންފަތާ ދުރަށް ދިއުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

"2007 ކުން ފެށިގެން އުފަންވާ ކުދިންނަށް މީތި ތަންފީޒު ކުރިކަމުގައިވިޔަސް މީގެ ސަބަބުން އެ ކުދިންނަށް ނަމޫނާ ދެއްކުމަށްޓަކައި އެކުދިންގެ ބެލެނިވެރިންނާއި އެކި ގޮތްގޮތުން އެ ކުދިންނަށް ޒިންމާވާ އެކިއެކި ފަރާތްތަކަށްވެސް ދުންފަތާއި ދުރަށް ދިއުމަށް ވަރަށް ބޮޑަށް ބާރަކަށް ވެގެންދާނެ" ޠަލާލް ވިދާޅުވިއެވެ.

މީގެ ސަބަބުން ވަރަށް ބޮޑަށް މުޅި މުޖުތަމައުއަށް ފައިދާ ކުރާނެ ކަމަށް ގަބޫލުކުރާކަމަށާއި، 24 ގަޑިއިރަށް ކުރިޔަށް ގެންދާ ޓޯޗް ރަންގެ ބޭނުމަކީ ވީހާވެސް ބޮޑަށް އާންމުން ހޭލުންތެރިކުރުވާ މިކަމުގެ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ ކަމެއް ކަމަށްވެސް ޠަލާލް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއް ކަމަށާއި މީގެ މަންފާ މުޅި ގައުމަށް ކުރާނެ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

ކުޅިވަރު އާއިލާގެ ގިނަ ބަޔަކު މި ދުވުމުގައި ބައިވެރިވެފައިވާއިރު ކުޅިވަރުތަކުން ކުރިޔަށްދާ ދިއުމަށްވެސް ދުންފަތާ ދުރުވުމުގެ ސަބަބުން އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށާއި، މި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއްކަން ވަނީ ފާހަގަކޮށްފައެވެ.

2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ދުންފަތް މަނާވާނެއެވެ.

މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.