ޚަބަރު

ދުންފަތާއި ދެކޮޅަށް އެޅި ފިޔަވަޅާއެކު ރާއްޖެވެގެންދަނީ ޤައުމުތަކުން ނަމޫނާއަކަށް ބަލާނެ ޤައުމަކަށް: ތަޢުލީމީ ވަޒީރު


  • ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށީ މިއަދު

  • މިކަން ފުރަތަމަ ޢަމާޒުވަނީ 18 އަހަރުން ދަށުގެ ކުދިންނަށް

ރާއްޖެފަދަ ކުޑަ ޤައުމަކުން ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުކަމީ ޤައުމުތަކުގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދިޔަ ކަމެއްކަމަށާއި، މިއީ ޤައުމުތަކުން ކުރާ މިފަދަ މަސައްކަތްތަކުގައި ރާއްޖެއަކީ ނަމޫނާ ޤައުމެއްގެ ގޮތުގައި ބެލެވިގެންދާނެ ނިންމުމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ތަންފިޒުކުރަން ފެށުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ތަޢުލީމީ ވަޒީރު ވިދާޅުވީ، މި ނިންމުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ބޮޑު ތަޢުރީފު ލިބިފަވާއިރު، ޤައުމުތަކުގެ ބޮޑު ތާޢީދެއްވެސް މިކަމުގައި ލިބިގެން ހިނގައްޖެކަމަށެވެ.

"ކުޑަ ޤައުމަކަށްވެ އޮވެ، ރާއްޖެއިން ނެގި ނިންމުމަކަށް ޤައުމުތަކުން ވަރަށް ޕޮޒިޓިވްކޮށް ވަނީ ބަލައިގެންފައި. ކުޑަ ޤައުމަކުން މިފަދަ ނިންމުމެއް ނިންމާ، ކުރީ ސަފަށް ނިކުތުމަކީ ބޮޑު ފަޚުރެއް. އެހެންޤައުމުތަކުން މިފަދަ ނިންމުންތަކަށް އަންނައިރު ރާއްޖެއަކީ ނަމޫނާއަކަށް ބަލާ ޤައުމަކަށް ވާނެ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެންމެ ފުރަތަމަ ވޭޕް މަނާކުރިއިރުވެސް އެކަމާ ގުޅޭގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އިސްވެރިންނާ ޕީޓީއޭއާއި މަޢުލޫމާތު ޙިއްސާކުރިކަމަށާއި އެކަމުގައިވެސް ވަރަށް ބޮޑު ތަޢީދެއް ލިބޭކަން ހާމަވިކަމަށެވެ. މިއީ ކޮންމެހެން މަނާކުރަންޖެހޭ ކަމެއްކަމުގައި އެފަރާތްތަކުން ފަހަގަކުރިކަމަށެވެ.

ތަޢުލީމީ ވަޒީރު ވަނީ މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، މިއީ ކުރިމަގު ބިނާކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކިގެން އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ބަލިތަކުން ރައްކާތެރި ދުޅަހެޔޮ އަދި އަޙުލާގަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ނިންމުމެއްކަމަށެވެ.

ވަޒީރު ވަނީ ސްކޫލް ދަރިވަރުންގެ މެދުގައި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސްކޫލްތަކުގައި ޕްރޮގްރާމްތަކެއް ހިންގާނެކަމަށް ވިދާޅުވެފައެވެ.

"ތަޢުލީމީ މުޤައްރަރުގެތެރެއިން އަދި ސްކޫލް ފިލާވަޅުތަކުގެތެރެއިން ދަރިވަރުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނަން. މި ނިންމުން ތަންފީޒުކޮށް ކާމިޔާބުކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދުންފަތަކީ އެކަމުގެ ސަބަބުން އިޖްތިމަޢީ އަދި އިޤްތިޞާދީ އެތައް ގެއްލުންތަކެއް ކުރިމަތިވާ ކަމެއްކަން އަދަދުތަކުން އިނގޭކަމަށެވެ. އެގޮތުން 2012ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގައި 1 ލައްކަ 30ހާހަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. އަދި މިދިޔަ އަހަރު އެޗްޕީއޭއިން އާއްމުކުރި މަޢުލޫމާތަށް ބަލާއިރު، ސީދާ ދުންފަތާ ގުޅުންހުރި ބަލިތަކުގައި 150 މީހުން މަރުވެފަވާކަމަށެވެ.

މާލީގޮތުން ބަލާއިރު، އަހަރަކު އެވަރެޖްކޮށް ދުންފަތާ ގުޅުންހުރި މުޢާމަލާތްތަކުގައި 1.8 ބިލިޔަން ރުފިޔާ ހޭދަކުރާނަކަން ހާމަވާކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ މި ނިންމުމަކީ ހުރިހާ ގޮތަކުންވެސް ޤައުމަށް ފައިދާވާނެ ނިންމުމެއްކަމަށެވެ.