ސަރުކާރުން ކުޅިވަރަށް ކޮށްދެއްވާ ކަންކަމުގެ އަގުވަޒަންކޮށް ފަރިތަކުރުންތަކަށް ފަރުވާތެރިވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު ލަޠީފް އެތުލީޓުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ލަޠީފް ވިދާޅުވީ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާކަމަށާ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާކަމަށެވެ. އެގޮތުން މިދިޔަމަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގައުމީ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންގެ އިނާޔަތްތައް އެއްހަމަކޮށް ދޭންފަށާފަވާއިރު މިކަމަކީ ކުޅުންތެރިންނަށް އުފާވެރިކަން ގެނެސްދިންކަމެއްކަމަށް ލަޠީފް ވިދާޅުވިއެވެ.
ކުޅިވަރުކުޅުމަކީ ގިނަގުނަ ޚަރަދުތަކެއް ހިނގާކަމެއްކަމަށާ އެތުލީޓުންނަށް ދެމުންދިޔަ އެލަވަންސް ބޮޑުކުރުމުން އެތުލީޓުންގެ އަތުން މީގެ ކުރިން ހިނގަމުންދިޔަ އެތައް ޚަރަދަކަށް ލުޔެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ލަޠީފް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު މިހުރީ ވަރަށް އުފަލުގަ. އެއީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ވައުދުފުޅާއެއްގޮތަށް މިވަނީ ގައުމީ ސްކޮޑުގެ މުސާރަ ބޮޑުވެގެންގޮސްފަ. އަދި އޭގެ ތެރޭގަ އަޅުގަނޑުމެން އޮފިޝަލުންގެ މުސާރަވެސް ކުޅުންތެރިންނެކޭ އެއްގޮތަށް އެއްވަރަށް ހަމަޖެހިގެން ދިއުމަކީ މުޅި ކުޅިވަރު އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ލަޠީފް ވިދާޅުވިއެވެ.
ލަޠީފް ވިދާޅުވީ މިފަދަ ބޮޑު މުސާރައެއް މިސަރަހައްދުގެ އެއްވެސް ގައުމަކުން ވޮލީބޯޅަ ކުޅުންތެރިންނަށް ދެމުން ނުދާކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދިޔަ ހެވެއްކަމުގެ ލަޠީފް ސިފަކުރެއްވިއެވެ.
ލަޠީފް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުތަކަށް މިހާރު ދެމުންދާ މުސާރައަކީ ވަރަށް ރަނގަޅު އަދަދެއްކަމަށާ ސަރުކާރުން މިކޮށްދެއްވާ ކަންކަމުގެ އަގުވަޒަންކޮށް ކުޅިވަރުން ގިނަ ކާމިޔާބީތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށް އެންމެހާ އެތުލީޓުން ގުޅިގެން މަސައްކަތްކުރުމަށެވެ.
"ދިވެހިރާއްޖެއިން ކުޅުންތެރިންނަށް މިދެނީ ހަމަ ރަނގަޅު މުސާރައެއް. އަޅުގަނޑު އެދޭ އެދުމަކީ އެތުލީޓުންގެ ފަރާތުން ސަރުކާރުން މިކޮށްދޭ ކަންތައްތައް އެޕްރިޝިއޭޓްކޮށް ކުޅުންތެރިން ފަރުވާތެރިކަމާއެކު ޓްރެއިނިންގއަށް ހާޒިރުވެ ރާއްޖެއަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން މަސައްކަތްކުރުން" ލަޠީފް ވިދާޅުވިއެވެ.
މިނިމުނު މަހުގެ 18 ވަނަ ދުވަހު ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނެރެފައިވާ ސަރކިއުލާއަކުންވަނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅުންތެރިންނާ އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް މި އަހަރުގެ މެއި މަހުން ފެށިގެން 5000 ރުފިޔާއިން 7000 ރުފިޔާއަށް ބޮޑު ކުރުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފައެވެ.
މިއުސޫލާއި އެއްގޮތަށް މި އަހަރުގެ މެއި މަހުން ސެޕްޓެމްބަރުގެ ނިޔަލަށް ކުޅުންތެރިންނާއި، އޮފިޝަލުންނާއި ފެރާ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފަވެއެވެ.
މީގެ ކުރިން އަންހެނުންގެ ގައުމީ ޓީމުތަކަށް އެއްވެސް މުސާރައެއް ދެމުން އައިސްފައިނުވާއިރު، ޓީމުތަކުގެ އޮފިޝަލުންނަށް މުސާރައިގެ ގޮތުގައި ދެމުންގޮސްފަވަނީ 2500 ރުފިޔާއެވެ. އެހެންނަމަވެސް ސަރުކާރުން މިގެނައި ބަދަލާއެކު ގައުމީ ޓީމުތަކުގެ އަންހެން ކުޅުންތެރިންގެ މުސާރަވެސް މިހާރުވަނީ ފިރިހެން ކުޅުންތެރިންނާއި އެއްހަމަކޮށްފައެވެ.
މިއީ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބި، ރާއްޖޭގެ ކުޅިވަރު ކުރިއަރައިދިއުމަށް ކޮށިގެންދާނެ މުހިންމު މަގެއްކަމަށް އެތުލީޓުން ދެކެއެވެ.