ޚަބަރު

ނިއުކާސަލް އަތުން ވެސްޓް ހޭމް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް އިން ކާމިޔާބުކޮށްފި އެވެ.

ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވާއިރު މިއީ އެ ޓީމުގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން އެ ކްލަބު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގެ ހަތަރުވަނަ މިނިޓުގައި ނިއުކާސަލް ޔުނައިޓެޑްގެ ޖޭކޮބް މާފީ ލަނޑެއް ޖަހާ ނިއުކާސަލް އަށް ކުރި ހޯދަދިން ނަމަވެސް މެޗުގެ 35 ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ވެސްޓް ހޭމް އިން މި މެޗުގައި ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްވޭން ބޮޓްމަން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑަކުންނެވެ.

ވެސްޓް ހޭމްގެ އާރޮން ވެން-ބިސާކާ އަރިމަތިން ހުރަސް ކުރި ބޯޅައެއް ސާފު ކޮށްލަން އުޅުމުގެ ތެރޭގައި ބޮޓްމަންގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޯލުގެ ތެރެއަށް ވަންއިރު ގޯލު ކީޕަރަށް އެ ބޯޅަ މަތަ ކުރުމަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މި މެޗުގައި ވެސްޓް ހޭމް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ތޯމަސް ސޫޗެކް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި ނަތީޖާ އާއިއެކު ވެސްޓް ހޭމް އަށް 10 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 18 ވަނައަށް އަރާފަ އެވެ. އަދި މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި އެ ޓީމު މޮޅުވި ދެވަނަ މެޗެވެ. ނިއުކާސަލް އަށް 10 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.