ޚަބަރު

ނޮވެންބަރު 3 ސާބިތު ކޮށްދެނީ ޤައުމަށްޓަކައި ޖާނާއި ލެއިން ޤުރުބާންވާނެ ދަރިން ތިބިކަން: ފަސްޓް ލޭޑީ


  • ޤައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން ފާހަގަކުރެއްވި

ނޮވެންބަރު 3 ސާބިތު ކޮށްދެނީ ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރުކަމަށާއި، ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަންކަމަށެވެ. ހަމައެހެންމެ ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަންކަމަށާއި، ޤައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓް ނިންމަވާލެއްވީ ތާއަބަދުމެ ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.


ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލާ، ޢަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.

އެއީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ދިވެހި ސިފައިންގެ ޤުރުބާނީގެ ދުވަހެކެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ނިރުބަވެރީން ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާއިން ދިވެހީންނަށް ލިބިގެންދިޔަ މަތިވެރި ނަޞްރު ގުޅިފައިވަނީ ދިވެހީން އެ ދުވަހު ދައްކައިދިން އެއްބައިވަންތަކަމާއި، ދިވެހި ސިފައިން އެ ދުވަހުވީ މަތިވެރި ޤުރުބާނީއާއެވެ. އެ ޢުދުވާނީ ހަމަލާ މާތްﷲގެ ވާގިފުޅާއެކު ނާކާމިޔާބުކޮށްލީ ދިވެހީންނެވެ. ދިވެހި ސިފައިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ.

އެ ދުވަހު ދިވެހީންނަށް ނަޞްރު ލިބިގެން ދިޔައީ ދިވެހީން ލެއާއި ފުރާނައިން މި ގައުމަށްޓަކައި ޤުރުބާންވެގެންނެވެ. ނުރައްކާތެރި މި ނިރުބަވެރި ހަމަލާގައި ދިވެހީންގެ ތެރެއިން 19 މީހުން ޝަހީދުވިއެވެ. އޭގެތެރެއިން 8 ބޭފުޅުންނަކީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. އަނެއް 11 ބޭފުޅުންނަކީ އާންމު ރައްޔިތުންނެވެ. މި ހަމަލާގައި 39 ދިވެހީން ޒަޚަމުވެފައިވާއިރު، އެތައް ބަޔަކަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ބޮޑެތި ގެއްލުންތަކާއި އަނިޔާތައް ލިބުނެވެ.