އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ކައުންސިލްތައް ގުޅިގެން ވަނީ ފަށަފައެވެ.
ބައެއް ކައުންސިލްތަކުން ވަނީ ކައުންސިލުން ކަނޑައަޅާ ތާރީޚުތަކަށް މި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އިޢުލާނުކޮށްފައެވެ.
ރޯދަ ހަދިޔާއަކީ ގޭބިސީތަކުގެ އަދަދަށް ބެލުމަށްފަހު ދޭ ހަދިޔާއެކެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ.
ހަދިޔާ ލިބޭ ލިސްޓް ތައްޔާރުކޮށް ވުޒާރާއަށް ހުށައަޅަނީ ކައުންސިލްތަކުންނެވެ. ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ލިސްޓު ކަނޑައަޅާ، މިމަހުގެ 20ގެ ނިޔަލަށް ވުޒާރާއަށް ހުށައެޅުމަށް ކައުންސިލްތަކަށް މިހާރު އަންގާފައިވާނެކަމަށެވެ.
އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް ސަރުކާރުން އަދި އިޢުލާނުކުރައްވާފައެއް ނުވެއެވެ.
މިދިޔަ ދެ އަހަރުވެސް ސަރުކަރުން ވަނި ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހަދިޔާ ދީފައެވެ.
އެގޮތުން މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި 111231 މަސް ދަޅު ކޭސް ބަހާފަވެއެވެ. ކޮންމެ ގެއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފަވާއިރު، އެކަމަށް 81 މިލިއަން ރުފިޔާ ހޭދަކޮށްފަވެއެވެ.
މިދިޔަ އަހަރު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާފަވަނީ ހަނޑޫ އަދި ފުއް ބަސްތާއެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން ހަދިޔާ ކުރެއްވިއެވެ.