ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ އެ 2 ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށްގެންކަން ތަހުގީގަށް ހޯދިފައިވާކަމަަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މިމައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރައްވަމުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ސިނގިރޭޓް ހުރި 2 ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި 2 ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި 2 ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމްޕީއެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހުކަން މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، ސިނގިރޭޓް ހުރި 2 ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ހޯދާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ގެއްލުމާއި ގުޅިގެން އެމައްސަލަ މިދިޔަ އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅުމާއި ގުޅިގެން މިހާތަނަށް ޖުމުލަ 9 މީހަކު ހައްޔަރުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. މީގެ ތެރެއިން ދެން ތިބި ޙުސައިން ސާމިޙު އާއި އަޙްމަދު ޝަހީމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަމަހުގެ ފުރަތަމަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން 05 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭނަމަ، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުން ވަނި އެދިފައެވެ.