ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ލީގުގައި ދާދި ފަހުން ލިބުނު ދަށް ނަތީޖާތަކަށް ނިމުމެއް ގެނެސްފަ އެވެ. ލީގުގައި އެންމެ ފަހުން އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމަށްފަހު ރޭ ރެއާލް މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ލިވަޕޫލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ރެއާލް މެޑްރިޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އަދި މި މެޗުގައި ރެއާލް މެޑްރިޑްގެ ގޯލުކީޕަރު ޓީބާ ކޯޓުއާ ވަނީ މޮޅު ކުޅުމެއް ދައްކާ ލިވަޕޫލްގެ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ.
މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ ކޯޗު ޝަބީ އަލޮންސޯ ލިވަޕޫލް އިން ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު އެލެކްޒެންޑަރ ޓްރެންޓް އާނޯލްޑް އަށް ފުރުސަތު ދީފައިވަނީ ބެންޗުންނެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ޑޮމިނިކް ސޮބޮޒްލާއީ ނަގައިދިން ވަގުތު އެލެކްސިސް މެކަލިސްޓާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުގެ 81 ވަނަ މިނިޓުގައި އެލެކްޒެންޑަރ އާނޯލްޑް ކުޅެން އެރުވުމާއިއެކު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އޭނާއަށް އަމާޒުކޮށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ރެއާލް މެޑްރިޑަށްވެސް ހަތަރު މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުގެ ތަފާތުން އެ ޓީމު އޮތީ ފަސްވަނައިގަ އެވެ.