ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެމްޓިސީސީގެ މެނޭޖިން ޑައިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫއުގެ ދަށުން 8000 އަކަފޫޓުގެ ސަރަހައްދެއްގައި ސްކޭޓް ޕާކް ތަރައްޤީ ކުރާނެއެވެ. މި މަޝްރޫއަކީ 1.39 މިލިއަން ރުފިޔާއަށް 150 ދުވަހުގެތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާއި ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ސާދަހާސް މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްގީކުރުމަކީ އެރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ފަހި ފުރުސަތެއް ލިބޭނެ ކަމެއް ކަމަށާއި ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.