ކުޅިވަރު

އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި


  • މިއީ 55 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް

  • ދަނޑު ނިމޭއިރު އެތަނުގައި 20 މީޓަރު 40 މީޓަރުގެ ޕިޗެއް އޮންނާނެ

  • "މިއީ ރަށުގެ ޒުވާނުންގެ ދުވަސްވީ އުންމީދެއް"

އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފަވާއިރު، މި ދަނޑުގެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެދާއިރާގެ މަޖްލިސް މެމްބަރާއި އައްޑޫ ސިޓީ ފޭދޫ ކައުންސިލުގެ ރައީސްއެވެ.

މިމަޝްރޫޢަކީ ސަރުކާރުގެ ފަރާތުން ޒެބޮކް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މިއީ 55 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތަކަށްވާއިރު މި ދަނޑު ނިމޭއިރު މިތަނަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ދަނޑަކަށްވެގެންދާނެއެވެ. 20 މީޓަރު 40 މީޓަރުގެ ޕިޗަކާއެކު މިދަނޑު ހުޅުވިގެންދާއިރު މިތަންވެގެންދާނީ ރަށުގެ ޒުވާނުންނަށް ކުރިއެރުންތަކެއް ހޯދައިދޭނެ ބިނާއަކަށެވެ.

ހަ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ފޭދޫއަކީވެސް ރާއްޖޭގެ އެހެން ހިސާބުތަކެކޭ އެއްގޮތަށް ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަ ރަށެކެވެ. ވަކިން ޚާއްސަކޮށް ފުޓްސަލްއަކީ މިހާރު އެންމެ ފޯރިއާއެކު ކުޅެވޭ އެއް ކުޅިވަރަށްވާއިރު މި ދަނޑުވެގެންދާނީ ރަށު ފެންވަރުގަޔާ ސަރަހައްދީ ފެންވަރުގައިވެސް ގިނަ މުބާރާތްތަކެއް ބޭއްވި ހުނަރުވެރި އައު ތަރިންތަކެއް އުފައްދާނެ ތަނަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ. މިގޮތުން ގާއިމުކުރެވޭ ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ދުވާ ޓްރެކްތަކާއި ސްވިމިން ޓްރެކްތަކުގެ އަމަލީ މަސައްކަތް އެކި ކަންކޮޅުތަކުގަ ފަށާފަވާއިރު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމާއެކު ހުނަރުވެރި ޒުވާން އެތުލީޓުން މި ގައުމުގައި އުފެއްދުމެވެ.