ޚަބަރު

ދަތުރުވެރިން އަރާމުކުރުމަށާއި ޚިދުމަތް ފޯރުކޮށްދިނުމަށް ވީއައިއޭގައި އައު ޖާގައެއް


  • މިއީ 750 އަކަމީޓަރުގެ ސަރަހައްދެއް

  • ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް

  • މިސަރަހައްދުގައި ބީއެމްއެލްގެ ކައުންޓަރެއްވެސް ވަނީ ޤާއިމުކޮށްފައި

މިމަހުގެ 25 ވަނަދުވަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް އަރާމުކުރެވޭނެ އަދި ޚިދުމަތްތައް ފޯރުކޮށްދޭ އާ ޖާގައެއް ބޭނުންކުރަން ފަށައިފިއެވެ.

އެމްއޭސީއެލުން ވިދާޅުވީ މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

އަލަށް ހުޅުވި މި ޖާގައާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް އިތުރުވެފައިވާކަމަށް އެމްއޭސީއެލުން މައުލޫމާތުދެއްވައެވެ. އަދި މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަށްކަމަށް އެމްއޭސީއެލުން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން، މި ޖާގައި ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެއެވެ. މިއީ ޓާމިނަލް 1 އިން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށް އެމްއޭސީއެލުން މައުލޫމާތުދެއްވައެވެ.

އެމްއޭސީއެލުން ވަނީ މި ޖާގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއްވެސް ގާއިމުކޮށްފައެވެ. މިކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބޭނެކަމަށް އެމްއޭސީއެލުން މައުލޫމާތުދެއްވައެވެ.

އެމްއޭސީއެލުން މައުލޫމާތު ދެއްވާގޮތުގައި މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.