ޚަބަރު

އެފްއެސްއެމްގެ ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ


  • މިހާރުވެސް ދެ ބާޖެއްގައި ވަނީ މޮޑަމް ހަރުކޮށްފައި

  • ބާޖުތަކުގެ މުވައްޒަފުން ކޮންމެ 3 މަހަކުން ބަދަލުކުރާނެ

ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އެފްއެސްއެމްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ވިދާޅުވީ، ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކުންފުނީގެ ބޯޑުން ބާޖުތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާޝާން ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ 'މޮޑަމް' އެއްވެސް ހަރުކުރާނެކަން ފާހަގަކުރެއްވިއެވެ.

" މިހާރުވެސް ދެ ބާޖެއްގައި ވަނީ މޮޑަމް ހަރުކޮށްފައި. އަދި ކުރިއަށް އޮތްތަނުގައި އިތުރު ބާޖުތަކުގައިވެސް ހަރުކުރާނެ. މިގޮތުން އިތުރު 3 ބާޖެއްގައި މޮޑެމް ހަރުކުރަން ޝެޑިއުލްކޮށްފައިވާނީ. އެންމެ އަވަހަށް ޑޮކް ކުރެވޭ 5 ބާޖުގައިވެސް ހަރުކުރުމުގެ މަސައްކަތް ކުރަން އަޅުގަނޑުމެންވާނީ ޕްލޭންކޮށްފައި." އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ވިދާޅުވިއެވެ.

ތެޔޮ ބާޖުތަކުގައި ސީސީޓީވީ ހަރުކުރުމުގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ކޮންމެ ތިން މަހަކުން ބަދަލުކުރުމަށް ނިންމާފައިވާނެ ކަމަށް އާޝާން ވިދާޅުވިއެވެ.

"ސީސީޓީވީ ކެމެރާ ހަރުކުރީމާ އަޅުގަނޑުމެން ބޭނުންވެއްޖެ ހިނދެއްގައި ލައިވްކޮށް، ވަގުތުން 'މޮޑަމް' މެދުވެރިކޮށް ބަލާލެވޭނެ އެ ހަރަކާތެއް ހިނގަމުންދާ ގަޑީގައި." އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ވިދާޅުވިއެވެ.

އާޝާން ވިދާޅުވީ، ވަގަށް ތެޔޮ ވިއްކުމުގެ މައްސަލަ ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށާއި، ބައެއް ބާޖުތަކުގައި އެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެގޮތަށް އެކަން ވަނީ، މިހާތަނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާޝާން ވަނީ، އެ މައްސަލަ ކުރިއަށް އޮތްތަނުގައި ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ސީރިއަސްކަމާއެކު ބަލާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެފްއެސްއެމްއަކީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނިވެސްމެއެވެ.