ޚަބަރު

މަރަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


  • ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ރައީސް ގެންދަވަނީ ފަށްޓަވައި ދެއްވަމުން

އައްޑޫ ސިޓީ މަރަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މަރަދޫ ސިއްޙީ މަރުކަޒު އަލަށް ހަދާ އިމާރާތުގެ މަސައްކަތް ފުރިހަމަވުމާއެކު، އެރަށުން ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ ރައްޔިތުންނަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ގެންދަވަނީ ފަށްޓަވައި ދެއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ރަށުގައި ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.