މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ ކާމިޔާބުކަމަށާއި، ފެއަރގެ ސަބަބުން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޑަބްލިއުޓީއެމް ފެއަރގެ ފަހު ދުވަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
އިނގެރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ކަމަށްވާ ވޯލްޑް ޓްރެވަލް މަރޓުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަފްދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ބައިވެރިވެއެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި މި ކުންފުނިތަކުން ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މިއަހަރުގެ މަޢުރަޒުގައި ރާއްޖޭގެ ވަފްދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި މައުރަޒާ ގުޅޭގޮތުން ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، އިނގެރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގިރޭސި ފަތުރުވެރިންނާއެކު އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިއަހަރުގެ ޑަބްލިއުޓީއެމް ކާމިޔާބު ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ވަރަށް ކާމިޔާބު މިއަހަރުގެ ޑަބްލިއުޓީއެމް، ގާތްގަނޑަކަށް 4000އަށްވުރެ ގިނަ ފަރާތުން ރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ، ޔޫރަޕްގެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޑަބްލިއުޓީއެމްގެ ތެރެއިން މުހިއްމު ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާކަަމާއި މިއީ ރާއްޖެއަށް އަަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެހީތެރިވެދޭނެ ކަމަށެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"ތުރުކީވިލާތް އަދި ގްރީސްގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކޮށް، އެޤައުމުތަކުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާކުރެވުނު، އަދި އެކި އެކި އެއަރލައިންތަކާ ބައްދަލުކޮށް، ހާއްސަކޮށް ބްރިޓިޝް އެއަރވޭސް، ވަރޖިން އެޓްލާންޓިކް އާއި ބައްދަލުކޮށް ރާއްޖެއަށް އިތުރު ފްލައިޓުތައް ގެނެސް އެ އެއަރލައިންތަކާއި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް މި ސިނާއަތުގެ ނަފާ އެންމެންނަށް ލިބޭނެ މަގު ފަހިކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިންގިރޭސިވިލާތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. އެޤައުމަކީ، މިހާރު ރާއްޖެއަށް 3ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް އިނގެރޭސިވިލާތުން ރާއްޖެއަށް 159،615 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، 2024 އަހަރާއި އަޅާބަލާއިރު %16 ގެ ކުރިއެރުމެކެވެ.