ޚަބަރު

ބަލިތަކުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމުގައި ސަރުކާރުން ދަނީ ނަމޫނާ ދައްކަމުން: ޞިއްޙީ ވަޒީރު


  • ވަޒީރު މިހެން ވިދާޅުވީ، "ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން

ބަލިތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި ސަރުކާރުން ދަނީ ނަމޫނާ ދައްކަވަމުންކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒީމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު" ކެމްޕެއިން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒީމް އިބްރާހިމް ވިދާޅުވީ، ރައީސް މުޢިއްޒުގެ ސިއްޙީ ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ މުހިންމު އިސްކަމެއް ދީފައިވަނީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކަމަށެވެ. އަދި ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް ހެކިވާނެ ފަދައިން ދިވެހިރާއްޖެ މިއަދު މިވަނީ މިކަމުގައި ނަމޫނާ ދައްކާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ރައްޔިތުންގެ ސިއްޙަތާއި ގުޅޭ ކަންކަމުގައި ޚާއްސަކޮށް ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ސަރުކާރުން ވަރަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ކަށަވަރު ކޮށްދޭން ބޭނުންވަނީ، ރައީސްގެ ނިންމުންތަކާއިއެކު ބަލިވީމަ ބޭސްކުރުމަށް އިސްކަންދޭ ފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ބަލިވުމުން މުޖުތަމަޢު ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި މި ސަރުކާރުން އެދަނީ ނަމޫނާ ދައްކަވަމުންނޭ. ރައީސް އެ ގެންދަވަނީ، އެންމެ އިސް ލީޑަރެއްގެ ހައިސިއްޔަތުން ގައުމުގެ ވަލީއުލް އަމްރުގެ ހައިސިއްޔަތުން މިކަމުގައި ވަރަށް ސާބިތުކަމާއިއެކު ވިސްނުންތެރިކަމާއިއެކު ނަމޫނާ ދައްކަވަމުންނޭ. ޤާނޫނީގޮތުން ނަންގަވަންޖެހޭ ފިޔަވަޅުތައް ނަންގަވަމުން މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން." ވަޒީރު ވިދާޅުވިއެވެ.

"ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު" ކެމްޕެއިން ކުރިއަށް ގެންދަނީ، ޞިއްޙީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މުއައްސަސާތައް ގުޅިގެންނެވެ. މި ކެމްޕެއިންގެ ތެރެއިން ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް ވަކިވަކި އުމުރުފުރާއަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ކުޑަކުދިން، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.