ސައުދި އަރަބިއްޔާގައި ކުރިއަށްދިޔަ ޑަބްލިއު ޓީއޭ ފައިނަލްސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އެރީނާ ސަބަލެންކާ ބަލިކޮށް އެލޭނާ ރައިބަކީނާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސަބަލެންކާގެ މައްޗަށް ކަޒަކްސްތާނުގެ ރައިބަކީނާ ކުރި ހޯދާފައިވަނީ ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުންނެވެ.
2023 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައިވެސް ކުޅުނު މި ދެކުޅުންތެރިންގެ ތެރެއިން އެ ފަހަރު ސަބަލެންކާ މޮޅުވި ނަމަވެސް އިއްޔެ ރިޔާދުގައި ކުޅުނު ފައިނަލް މެޗުގައި ރައިބަކީނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މި މުބާރާތް ކާމިޔާބު ކުރުމާއިއެކު މިއީ ރައިބަކީނާ އަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތެވެ.
ވިމްބަލްޑަން ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދާފައިވާ ރައިބަކީނާ އަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއިއެކު ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 5.235 މިލިއަން އެމެރިކާ ޑޮލަރު ލިބިފަ އެވެ.