1447 ވަނަ އަހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސަޢުދީ ސަރުކާރާއެކު ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރުގެ ދަޢުވަތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރައްބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
1447 ވަނަ އަހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން، ވަޒީރު ޑރ. ޝަހީމްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާއާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތަކެވެ. މިގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުމާއި މިފަދަ މުހިންމުކަންކަންކަން ބަޔާންވެފައި ހުރެއެވެ. މި އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން ފާހަގަކުރެއްވިއެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، އެހެން ޤައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެޤައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ޤައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސަޢުދީއިން ކުރިއަށް ގެންދާ "ހައްޖު މުބާޝިރު" އިނިޝިއޭޓިވްއިން ރާއްޖެއަށް ފުރުޞަތު ހޯދަންވެސް ވަނީ މަޝްވަރާކޮށްފައެވެ.