ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިއީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފަތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި ވާސީލަތްތަކާއި ޤާބިލުކަން ހުރިފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއެވެ.
ޤާނޫނުގައި ކުރިން އޮތްގޮތުން ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަނެވެ. ރާއްޖޭން ބޭރު ޤައުމެއްގައި އެ ޤައުމުގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަންތަނަށްވެސް މި ޤާނޫނުގެ ދަށުން ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީކުރެވެއެވެ. ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ 20 އަހަރުގެ މުއްދަތު 15 އަހަރަށް ދަށް ކުރުމަށެވެ.
ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް ތަފްސީލުކޮށް ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.