ޚަބަރު

މެއިންޓެނަންސް މަސައްކަތަކަށް ވެމްކޯއިން ކުނި ނަގާ ގަޑިތަކަށް ބަދަލެއް


  • ގަޑިތަކަށް ބަދަލު ގެނައީ، މިމަހުގެ 12 އިން 16 އާއި ހަމައަށް

  • ބަދަލު ގެނައީ، ހަަމައެކަނި ގޭބީސީތަކުން ކުނި ނަގާ ގަޑިތަކަށް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން މެއިންޓެނެންސް މަސައްކަތަކަށް މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ގަޑިތަކަށް ވަގުތީ ބަދަލެއް ގެނެސްފިއެވެ.

ވެމްކޯއިން މި ބަދަލުތައް ގެނައީ، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވެމްކޯއިން ވިދާޅުވީ، މި ބަދަލު ގެނައީ އެކުންފުނީގެ ކުނި ފެސިލިޓީތައް އަޕްގްރޭޑް ކުރުމަށާއި، މެއިންޓެނެންސް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ ކަމަށެވެ.

އަދި މިބަދަލާއި ގުޅިގެން މި ދުވަސްތަކުގައި މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގަމުން ދާނީ، ކޮންމެ ދުވަހެއްގެވެސް މެންދުރު 14:00 އިން ރޭގަނޑު 20:00 އާ ހަމައަށްކަމަށް އެކުންފުނިން ވިދާޅުވިއެވެ. ވެމްކޯއިން ވަނީ، ކުނި ނެރުމަށް ތައްޔާރުކުރުމަށް މެންދުރު 13:00 އާއި 14:00 އާ ދެމެދުގެ ވަގުތުތައް ބޭނުންކުރުމަށް އެދިފައެވެ.

މީގެ އިތުރުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، މަގުތަކަށް ކުނި ނު ނެރުމަށާއި، ކުނި ނަގާ ގަޑިއަށް ސަމާލުވެ ފަސޭހައިން ކުނި ނެގޭނެ ގޮތަށް ބެހެއްޓުމަށް ވެމްކޯއިން އިރުޝާދުދެއެވެ. އަދި އެއްވެސް ތަނަކުން ކުނި ނުނަގާ ހުރިނަމަ 1666 އަށް ގުޅައި، އެކަން އެންގުމަށްވެސް ވެމްކޯއިން އިލްތިމާސްކުރެއެވެ.

ފެސިލިޓީގެ މެއިންޓެނެންސް މަސައްކަތް ނިމުމާއެކު، ކުރިން ކުނި ނަގަމުން ދިޔަ ގަޑިތަކަށް ކުނި ނެގުމުގެ ޚިދުމަތް އަލުން ފެށޭނެ ކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ. ކުރިން ކުނި ނަގަމުން ދިޔައީ، ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 19:00 އިން 22:00 އާ ހަމައަށެވެ.

އާންމު ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު އައި ކަމުގައިވީނަމަވެސް، ވިޔަފާރިތަކާއި އަދި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުގެ ޚިދުމަތް ދޭ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

އޮޕަރޭޝަން ފެސިލިޓީގެ މަސައްކަތްތައް ކުރުމަށްޓަކައި ގެނެވޭ މިފަދަ ވަގުތީ ބަދަލުތަކަށް އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.