ޚަބަރު

ޤައުމީ ޓީމުން އައިހަމް ވަކިކޮށްފި


  • އައިހަމް ވަކިކުރީ ގައުމީ ޓީމުގެ ރަސްމީ ފަރިތަކުރުންތަކަށް ހާޒިރު ނުވުމުން

  • އަދި ހުއްދަ ނުހޯދާ ފުޓްސަލް މުބާރާތެއްގައި ކުޅުމުން

ޤައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އަހުމަދު އައިހަމް ގައުމީ ޓީމުން ވަކިކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އައިހަމް (ޖޯޒީ ނަމްބަރު 6) ޤައުމީ ޓީމުން ވަކިކުރީ ގައުމީ ޓީމުގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީ އާއި ހުއްދަ ނުހޯދާ ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ސަބަބުން ކަމަށެވެ.

އެފްއޭއެމްއިން ބުނީ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ގައުމު ތަމްސީލުކުރާއިރު އެންމެ މަތީ ފަންތީގައި ކަމޭހިތުމާއި، ފަންނީ އަހްލާގު ހިފަހައްޓާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރާކަމަށެވެ.

އައިހަމް ވަނީ އެންމެ ފަހުން ގައުމީ ޓީމުން ކުޅުނު މެޗުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗާއި ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަކަަޕުގައި އައިހަމް ވަނީ ދިވެހި ޓީމަށް މޮޅު ކުޅުމެއް ދައްކާފައެވެ. އައިހަމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގައިވެސް މުހިންމު ކުޅުންތެރިއެކެވެ.

އޭނާއަކީ ރާއްޖޭގައި ކުރިޔަށްގެންދާ މަޝްހޫރު ފުޓްސަލް މުބާރާތްތަކުގައިވެސް ކުޅޭ ކުޅުންތެރިއެވެ. މިފަހުން އޭނާ ކުޅެފައިވަނީ އޭނާގެ އުފަން ރަށް އުތީމުގައި އޮތް ފުޓްސަލް މުބާރާތެއްގައެވެ.

އެފްއޭއެމްގެ ހުއްދަ ނުހޯދާ މުބާރާތެއްގައި ކުޅެފިނަމަ މީގެ ކުރިންވެސް ޤައުމީ ޓީމުން ކުޅުންތެރިން ވަކިކުރުމަކީ އޮންނަ އުސޫލެކެވެ.

ގައުމީ ޓީމުގެ މުހިންމު މެޗެއް ކުރިމަތީގައި އޮއްވާ އައިހަމް ފަރިތަކުރުންތަކުގައި ބައިވެރިނުވުމާއި ގުޅިގެން ޓީމުން ވަކިކޮށްފައިވާއިރު މިމަހުގެ 18 ގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗަށް ޤައުމީ ޓީމުން ވަނީ މިއަދު ފަރިތަކުރުންތައް ފަށާފައެވެ.