އަންނަ އަހަރު ވާނީ ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް ދެފުށްފެންނަ ގޮތެއްގައި ހިންގުމަށް ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް، 2.0ގެ ބޮޑެތި މަސައްކަތްތައް ފަށާ އަހަރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ ނިޒާމު ކޮރަޕްޝަނާ ދިމާލަށް ދާން ދޫކޮށްލައިގެން ތިބޭނަމަ އަދުލުވެރި ވެރިކަމެއް ނުކުރެވޭނެކަމަށެވެ. ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ނޭދެވޭ ސިފައަކީ ހުރިހާ ޤައުމަކުންވެސް ފެންނަމުންދާ ކަމެއްކަމަށާއި ކޮރަޕްޝަން ނައްތާލުމަށް ރާއްޖެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ. މިކަން ކުރާނީ ދެފުށްފެންނަ ޖަވާބުދާރީ ވެވޭ ނިޒާމެއް ގެނެސްގެންކަމަށާއި، މިކަމަށް ސަރުކާރުން ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ 2.0ގެ މަސައްކަތްކަމަށާއި މިދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އަންނަ އަހަރު ޚާއްސަ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިދުމަތް ދިނުމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަ މީހުންގެ މެދުގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުކަމަށެވެ. މިކަމަށް އޮތް އެންމެ ބޮޑު ޙައްލަކީ ޑިޖިޓަލް ނިޒާމަކަށް ޚިދުމަތްތައް ގެނައުންކަމަށާއި ކުރިއަށް އޮތް 3 އަހަރުތެރޭ ބޮޑު ބަދަލެއް ފެންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވިގެންދިޔަ ދިއުމަކީ މިކަމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދަޢުލަތުގެ ހުރިހާ މުއައްސަސާތައްވެސް މިގޮތަށް ޑިޖިޓަލައިޒްކޮށް މުޅިން ޕޭޕަލެސް ކުރައްވާނެކަމަށެވެ. މިކަމުގައި މުޅި ދަޢުލަތް ހިމެނޭކަމަށާއި ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލިސް އަދި ބޭންކްތައްވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ މަސައްކަތްތައް މިހާރުވެސް އެކި މަރުހަލާގައި ވަނީ ފެށިފައި. އަންނަ އަހަރު ވާނެ ޢަމަލީގޮތުން މީގެ ބޮޑެތި މަސައްކަތްތައް ފެށޭ އަހަރަށް. 3 އަހަރުގެ މަސައްކަތެއް މިއީ. 2028ގެ މެދަށް ދާއިރު މީގެ ބޮޑެތި މަސައްކަތްތައް ނިމި، އެ ރައްޔިތެއްގެ ޚިދުމަތް އަތުން ފެންނަ ގޮތަށް ބަދަލުކުރެވޭނެ. އައިޑީ ކާޑްވެސް މުޅިން ޑިޖިޓަލައިޒް ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި މަސައްކަތުގައި ހުރިހާ ރައްޔިތުން ޚާއްސަކޮށް ޒުވާނުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކޮށް ބައިވެރިވުން އިތުރުކުރުމަށް ޒުވާނުންގެ ދަޢުރު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދެފުށްފެންނަ އިންސާފުވެރި އަދުލުވެރި ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަންގެ ބޮޑު ވަބާއިން ސަލާމަތްވެގެންކަމަށެވެ. އަދި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއްވެސް ދެވޭނީ ގުޑް ގަވަރަނަންސްގެ ނިޒާމުތަކަށް ދަތުރުކޮށް، މިއީ ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.