ޚަބަރު

ސިވިލް ސަރވިސްއަކީ، ސިޔާސަތުތައް ތަންފީޒުކުރާ ފައުޖު، ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭ: ރައީސް


  • މިހާތަނަށް ކާމިޔާބު ކުރި ކަންކަން ހާސިލްކުރުމުގައި ސިވިލް ސަރވިސްގެ އެހީތެރިކަން ބޮޑު

  • އެންމެން ގުޅިގެން އެއް އަމާޒަކަށް ވާސިލްވަން މަސައްކަތް ކުރާނަމަ ނަތީޖާ ރަނގަޅުވާނެ

ސިވިލް ސަރވިސްއަކީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތް ކުރާ ފައުޖު ކަމަށާއި، އެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ސިވިލް ސަރވިސް މުވައްޒަފުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާއިރު މިއަދާ ހަމައަށް ކާމިޔާބު ކުރި ކަންކަން ހާސިލްކުރުމުގައި ސިވިލް ސަރވިސްގެ ވަރަށް ބޮޑު އެހީތެރިކަމެއް އެބައޮތް ކަމަށެވެ. އަދި ކޮންމެ ސަރުކާރަކަށްވެސް ކަންކަން ކުރިއަށް ގެންދެވެނީ، އެ ކޮމިޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތާއެކުގައި ކަމަށާއި އެހެންކަމުން އެ ފަރާތްތަކުގެ އަގުވަޒަން ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިވިލް ސަރވިސްއަކީ، ސަރުކާރުން ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަޒީރުންނާއި، އައްޔަން ކުރެވޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތް ކުރާ ފައުޖު، އެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރަންޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިވިލް ސަރވިސްގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެންމެން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް ކުރާނަމަ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސިވިލް ސަރވިސްއާއި ކައުންސިލްތައް އަދި ޖުޑީޝަރީ ހިމެނޭހެން ހުރިހާ ފަރާތްތަކުގެ މުސާރަ ޕޭހަމަނައިޒޭޝަންގެ ތެރެއިން ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި މަހުން ފެށިގެން މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މި ބަދަލާއި ގުޅިގެން އެއްވެސް އޮފީހެއްގެ މުވައްޒަފުންގެ ކަންބޮޑުވުމެއް އޮތްކަމަށްވާނަމަ އެ މުއައްސަސާއެއްގެ ކަމާބެހޭ ފަރާތްތަކުން ޕޭ ކޮމިޝަނާ ގުޅިގެން އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އެމަނިިކުފާނު ނެރުއްވަން ބޭނުންފުޅުވާ ނަތީޖާއަކީ، ހުރިހާ ފަރާތްތަކަށްވެސް ލިބޭ އަސާސީ މުސާރަ ބޮޑުކުރެވި ކޮންމެ މުވައްޒަފެއްގެވެސް ތަޢުލީމި ސެޓްފިކެޓާއި، ޚިދުމަތުގެ ޒިންމާއަށް ބަލައި މުސާރަ އެއް ހަމަކުރުން ކަމަށް ވިދާޅުވިއެވެ. އަދި މީގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.