ޚަބަރު

ޖުމްހޫރީ ދުވަހުގެ ޝަރަފުގެ ހިނގާލުން: އެތައް ބަޔަކު ނިކުމެ މަގުތައް ފުރާލައިފި


  • ޝަރަފުގެ ހިނގާލުން ބަލާލުމަށް ގިނަ ބަޔަކު މަގުތަކަށް ނުކުތް

  • މާލެ ސަރަޙައްދުގެ 15 ސްކޫލެއްގެ ދަރިވަރުން މި ޝަރަފުގެ ހިނގާލުމުގައި ބައިވެރިވެފައިވޭ

ކޮންމެ އަހަރެއްގެވެސް ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށްގެންދާއިރު، އެންމެ ގިނަ ބައެއްގެ ތަރުހީބު އަބަދުވެސް ލިބެމުންދާ އެއް ހަރަކާތަކީ، ޝަރަފުގެ ހިނގާލުމުމެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް ކުދި ބޮޑު އެތަކެއް ބަޔަކު މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނިކުމެ އުފާވެރި އެއްބައިވަންތަ ވަގުތަކެއް ހޭދަކޮށްލައެވެ.

އަހަރުތަކަކަށްފަހު މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ޝަރަފުގެ ހިނގާލުން ވަނީ މިއަދު ހަވީރު މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ބާއްވާފައެވެ. ހަވީރު 4:30 ގައި ފެށި މި ހިނގާލުން ބަލާލުމަށް އާއްމުންގެ އެތައް ބަޔަކު ވަނީ މަގުތަކަށް ޖަމާވެފައެވެ.

މި ހަރަކާތަކީ ދިވެހިރާއްޖޭގެ ޤައުމީ ކެނޑޭޓް ކޯ އާއި މާލެ ސަރަޙައްދުގެ ސްކޫލްތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަޙައްދުގެ 15 ސްކޫލެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި މާލޭގެ 6 ސަރަހައްދަކަށް މަޑުކޮށް، ބޭންޑްޕާޓީތަކުން ވަނީ އެކި ހުށަހެޅުންތައް ހުށަޅައިދީފައެވެ. އަދި އާއްމުންގެ ފަރާތުން ވަނީ އެ ހުށަހެޅުންތަކަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތައް ބަލާލުމަށް މާލޭގެ އެކި މަގުތަކަށް ގިނަ ބަޔަކު ޖަމާވިއިރު، މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މިއަދު ހަވީރު ވަނީ ޝަރަފުގެ ހިނގާލުމެއް ބާއްވާފައެވެ. ހުޅުމާލޭގައި ބޭއްވި މި ހިނގާލުމުގައިވެސް ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވިއެވެ.

ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ވެރިކަން ފެށުނު ދުވަހާ ދިމާކޮށެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ނިމި، އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެ، 14 އަހަރަށްފަހު އެރަސްކަން ނިމި އަނެއްކާވެސް ރާއްޖެ ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ދުވަސް ކަމަށްވާ 11 ނޮވެމްބަރ 1968 ގައެވެ.

މިއަދު މިފާހަގަކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރުފުރޭ ދުވަހެވެ.