ޚަބަރު

ޔަމާލް ސްޕެއިންގެ ސްކޮޑުން ބާކީކޮށްފި


ސްޕެއިންގެ ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލް އެ ގައުމުގެ ގައުމީ ޓީމުން ބާކީކޮށްފި އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޖޯޖިއާ އާއި ތުރުކީ އާއި ދެކޮޅަށް ސްޕެއިން ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުން ލަމީން ޔަމާލް ބާކީކޮށްފައިވަނީ އޭނާގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބާސެލޯނާ ކުޅުނު ފަސް މެޗެއް އޭނާއަށް ވަނީ މި ސީޒަނުގައި ގެއްލިފަ އެވެ.

ބާސެލޯނާ އިން ވަނީ ސްޕެއިންގެ ގައުމީ ޓީމުގެ މެޑިކަލް ޓީމުގެ މަޝްވަރާއެއް ނެތި ލަމީން ޔަމާލްގެ ރޭޑިއޯ ފްރިކުއެންސީ އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި މި މައްސަލައިގައި ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބާސެލޯނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ މެޑިކަލް ޓީމަށް މިކަން އެނގުނީ ރޭ ސްޕެއިންގެ ގަޑިން 10:40 ގައި އެ މީހުންނަށް ބާސެލޯނާ އިން ފޮނުވި މެޑިކަލް ރިޕޯޓުގެ ސަބަބުންނެވެ. އަދި މި ޕްރޮސީޖަރ އަށް ފަހު އޭނާއަށް އަރާމު ކުރުމުގެ ގޮތުން 7-10 ދުވަހާއި ދެމެދުގެ މުއްދަތެއް ބޭނުންވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފައިވަނީ މިއީ އޭނާ ކުރިން އުންމީދު ކޮށްގެން ހުރި ކަމެއް ނޫން ކަމަށާއި ކުއްލިއަކަށް މިފަދަ ކަމެއް އެނގުމުން ހައިރާންވާ ކަމަށެވެ.

ލަމީން ޔަމާލް ވަނީ އުމުރުން އެންމެ 18 އަހަރުގައި ސްޕެއިންގެ ގައުމީ ޓީމަށް 23 މެޗު ކުޅެ ހަ ލަނޑު ޖަހައިދީފަ އެވެ.