ޚަބަރު

ބޮޑެތި ކުށްތައް ތަހުގީގުކުރަން ސައުތު ސެންޓްރަލް ރީޖަންގައި ފުލުހުންގެ ޚާއްސަ ތަޙުޤީގު ޓީމެއް!


  • މިކަމަކީ މިރީޖަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވި

  • މައްސަލަތައް ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ތަހުގީގުކުރެވޭނެކަމަށް ވިދާޅުވި

މ. ފ. ދ. ތ. އަދި ލ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ސަރަޙައްދުގައި ހިންގާ ބޮޑެތި ކުށްތައް ތަހުގީގުކުރުން އަވަސްކޮށް ހަރުދަނާކުރުމަށް، ޚާއްސަކޮށްގެން ފުލުހުން އިންވެސްޓިގޭޝަން ޓީމެއް އުފައްދައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ސައުތު ސެންޓްރަލް ރީޖަންގެ ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު އަޒްހާން ވިދާޅުވީ، އެ ރީޖަންގައި ދިމާވާ މައްސަލަތައް ތަހުގީގުކުރުމުގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަން" ޓީމެއް މިހާރު އުފައްދާފައިވާ ކަމަށެވެ.

މިއާއެކު، ބޮޑެތި މައްސަލަތައް ޚާއްސަ ޓީމެއްގެ ތެރެއިން ތަހުގީގުކުރެވިގެންދާ ގޮތަށް މިހާރު ބައްޓަންކުރެވިފައިވާކަމަށް އެނާ ވިދާޅުވިއެވެ. އަދި މިކަމަކީ މި ރީޖަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޒްހާން ސިފަކުރެއްވިއެވެ.

އަޒްހާން ވިދާޅުވީ، ބޮޑެތި ކުށްތައް ނުވަަތަ މައްސަލަަތައް ތަހުގީގުކުުރުމަށް ވަކި ޓީމެއް ޤާއިމްވެގެންދިއުމާއެކު، މައްސަލަތައް ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ތަހުގީގުކޮށް، ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"އެހެންވީމާ އެކަމުގެ ސަބަބުންވެސް އަޅުގަނޑުމެންނަށް ނެރެވުނު ނަތީޖާއަކީ އެކަމަށް ޚާއްސަ ބަަޔަކު ތިބުމުިގެ ސަބަބުން މި ރީޖަންގައި ހިންގާ ބޮޑެތި ކުށްތައް ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ތަހުގީގުކޮށް ދަޢުވާ ކުރުމަށްޓަަކައި ޕްރުސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިގެން ދިއުން. އެގޮތުން މިހާރުވެސް އަޅުގަނޑުމެން ވާނީ އެފަދަ 3 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފަ. އެއީ ގާތްގަނޑަަކަށް ބުނަންޏާކު މީގެ ދެމަހެއްހާ ދުވަސް ތެރޭގައި" ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު އަޒްހާން ވިދާޅުވިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނެނީ މ، ފ، ދ، ތ އަދި ލ. މި 5 އަތޮޅެވެ. މި ރީޖަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ އަތޮޅުތަކުގައި ތިބި ކޮމާންޑަރުން ދަނީ އެ އަތޮޅެއްގެ އަދި ރަށެއްގެ ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަޝްވަރާކޮށް އިތުރު މަސައްކަތްތައް ކުރަމުންނެވެ.