ޚަބަރު

ފާއިތުވި ދެ އަހަރު އަޕަރ ނޯތް ޕޮލިސް ޑިވިޝަނަށް 1700 އަށްވުރެ ގިނަ މައްސަލަ!


  • 292 މައްސަލައެއް ވަނީ ފައިލްކުރެވިފައި

  • 91 މައްސަލައެއް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވޭ

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޕަރ ނޯތް ޕޮލިސް ޑިވިޝަން ހިމެނޭ ސަރަހައްދަށް 1700 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ، ބޮޑު ތިލަދުންމަތި ނުވަތަ އަޕަރ ނޯތު ރީޖަން ޕޮލިސް ޑިވިޝަނުން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، އެކި ރީޖަންތަކުގައި ހިމެނޭ ސަރަހައްދުތަކާއި ގުޅޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކުރެއްވުމަށް ޕްރެސް ކޮންފަރެންސްތަކެއް ފަށާފައެވެ. މިގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދާ ދެވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އަޕަރ ނޯތް ޕޮލިސް ޑިވިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނޯތް ޕޮލިސް ޑިވިޝަންގެ ރީޖަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އިބްރާހިމް ޒުހުރީ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ރީޖަންގެ މަރުކަޒުތަކަށް މުޅި ޖުމްލަ 1797 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކުގެ ތެރެއިން މިހާތަނަށް 292 މައްސަލަ ފައިލްކުރެވި، މީގެ ތެރެއިން 91 މައްސަލައިގެ ތަޙުޤީޤު އެއްކޮށް ނިމި ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ޒުުހުރީ ވިދާޅުވިއެވެ. އަދި މި މައްސަލަތަކުގެ ތެރެއިން 458 މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރީޖަން ކޮމާންޑަރ ޒުހުރީ ވިދާޅުވީ، އެހެން ރީޖަންތަކެކޭ އެއްގޮތަށް ނޯތު ރީޖަންގައިވެސް މަސްތުވާތަކެތީގެ މައްސަލައާ ދެކޮޅަށް ނުވަތަ މި ކުށް ހުއްޓުވުމަށް ހަރުދަނާ ފިޔަަވަޅުތަކެެއް އަޅާފައިވާ ކަަމަށެވެ. އެގޮތުން މިފަދަ މައްސަލަތައް ދެނެގަތުމަށް އެކި ދުވަސްވަރު ތަފާތު އެކި އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށާއި، މީގެ ތެރެއިން ގިނަ އޮޕަރޭޝަންތައް ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގައި ޤާއިމްވެ ތިބޭ ފުލުހުން ޚިދުމަތް ފޯރުކޮށްދެން ފެށުމާއި ގުޅިގެން މި ރީޖަންގައި ހިމެނޭ ރަށްތަކަށްވެސް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ. އެގޮތުން ފުލުހުން ޤާއިމްވެގެން ދިއުމާއެކު ކުށުގެ މާޙައުލަށް ވަދެގެންދާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް އަމާން ރައްކާތެރި މުޖުތަމަޢެއްގައި އުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށްވެސް ޒުހުރީ ފާހަގަކުރެއްވިއެވެ.

ނޯތު ޕޮލިސް ރީޖަންގައި ހިމެނެނީ، ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަަކެވެ. މި ރީޖަންގައި ޖުމްލަ 41 ރަށް ހިމެނެއެވެ.