ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއިއެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފިއެވެ.
ފަލަސްޠީނުގެ ޒުވާން ގައުމީ ޓީމުން ފަރިތަކުރުންތައް ބާއްވާފައިވަނީ އިއްޔެ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހުގެރޭ 20:30 ގައި ގަލޮޅު ދަނޑުގައެވެ.
މި ދެ މެޗަށް ހާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ސްވެނިއާ ޓިކެޓްތަކެއް ވިއްކަން ފަށާފައެވެ.
އެގޮތުން ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ވިއްކަން ހަމަޖެހިފައިވެއެވެ. ސްވެނިއަރ ޕްލެޓިނަމް ވިއްކާ އަގަކީ 1000 ރުފިޔާއެވެ. އެ ޓިކެޓަށް ވީވީއައިޕީ (ރޮސްޓްރަމް) ގައި ތިބެގެން މެޗު ބަލާލެވޭނެއެވެ.
މީގެ އިތުރުން ވިއްކާނީ ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓެވެ. ސްވެނިއަރ ގޯލްޑް ޓިކެޓްގެ އަގަކީ 500 ރުފިޔާއެވެ. އެ ޓިކެޓަށް ވީއައިޕީ ގޮނޑިބަރީގައި ތިބެގެން މެޗު ބަލާލެވޭނެއެވެ.
މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްޠީނު ޓީމަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާއިރު ވީހާވެސް ގިނަ ބަޔަކު ޓިކެޓް ގަނެ މެޗުތައް ބަލާލަން ދިއުމަކީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވަރަށް ބޮޑު އެދުމެކެވެ.
ފަލަސްޠީނު ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕު ކުރުމަށް އެދުނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ފަރިތަކުރުމަށް ހަނގުރާމައިގެ ސަބަބުން ހުރަސްއެޅިފައިވާތީއެވެ. އެޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސާދީފައިވަނީ ދިވެހި ސަރުކާރުންނެވެ. މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމު ތައްޔާރު ވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.
ގުރޫޕް ޑީގައި ހިމެނޭ ފަލަސްޠީނުން ފުރަތަމަ މެޗުގައި ނިކުންނާނީ 22 ނޮވެމްބަރުގައި އިންޑިއާއާއި ދެކޮޅަށެވެ. އެއަށްފަހު 24 ނޮވެމްބަރުގައި ލުބުނާނާއި ދެކޮޅަށް އަދި 28 ނޮވެމްބަރުގައި އީރާނާއި ދެކޮޅަށް ކުޅޭނެއެވެ. 30 ނޮވެމްބަރުގައި ނިކުންނާނީ ޗައިނީޒް ތައިޕޭއާއި ދެކޮޅަށެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް އޮންނާނީ ތައިލޭންޑްގެ ޗޮންބުރީގައެވެ. ރާއްޖެ ހިމެނޭ ގުރޫޕްގައި އޮތީ ތައިލޭންޑް، ތުރުކުމެނިސްތާނު އަދި ކުވެއިތެވެ.