ޚަބަރު

ޢުމްރާނީ އަދި އިންސާނީ ތަރައްޤީ ގެނައުމަށް ސަރުކާރުންކުރާ މަސައްކަތަށް ޑރ.އަނާރާގެ ތަޢުރީފު


  • ޑރ. އަނާރާ ވިދާޅުވީ ގުޅީގައި ސަރުކާރުން ހިންގަވާ އެހެން މަޝްރޫޢުތައް ވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޢުމްރާނީ ތަރައްޤީ ގެނެސް، މީހުން ބިނާކޮށް އިންސާނީ ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ތަޢުރީފުކުރައްވައިފިއެވެ.

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަނާރާ ނަޢީމް ވިދާޅުވީ މި ސަރުކާރުން ފަށްޓަވާ އަދި ނިންމެވި މަޝްރޫޢުތަކުގެ ތެރޭގައި ގުޅީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނޭ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންގޮސް ނިންމަވައިދެއްވިކަމަށްޓަކައި ޑރ. އަނާރާ ޝުކުރު ދެންނެވިއެވެ.

ޑރ. އަނާރާ ވިދާޅުވީ ގުޅީގައި ސަރުކާރުން ހިންގަވާ އެހެން މަޝްރޫޢުތައް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެހެން ރަށްރަށުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ.

"ހުރިހާ މަޝްރޫޢުތަކެއްގެ ސަބަބުން ޢުމްރާނީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެއަށް ލިބޭނެ" ޑރ. އަނާރާ ވިދާޅުވިއެވެ.

ޑރ. އަނާރާ ވިދާޅުވީ މުޅި ރާއްޖެއަށް ޢުމްރާނީ ގޮތުން ތަރައްޤީ ގެނެސް، އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އިންސާނުން ބިނާކޮށް، އިންސާނީ ތަރައްޤީއާއި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ޑރ. އަނާރާ ފާހަގަކުރެއްވިއެވެ.

ޑރ. އަނާރާ ވިދާޅުވީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ މުސްތަޤުބަލުގައި ފެނި، ޤައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.